ފަހި ފްލެޓުތަކުގެ ކުޑަކުރި ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލު އާއްމުކޮށްފި
ފަހި ފްލެޓުތަކުގެ ކުޑަކުރި ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލު އާއްމުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ 2 ގައި އަޅާފައިވާ 4000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ މިންވަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާންމުކުރައްވައިފި އެވެ.

ހުޅުމާލޭ 2 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އިއުލާނުކުރައްވައިފަ އެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ އެ ފްލެޓްތަކަށް ނަގާ ޑިޕޮސިޓާއި ސޯޝަލް އެހެން ސްކީމްތަކާ އަޅާބަލާއިރު ކުލި ބޮޑުކަމަށް އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި ވަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެއް އަޅައިފަ އެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހަކު ދައްކަން ޖެހެނީ 8000ރ. ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި އެތަނުގެ ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ.

ތިން ކޮޓަރީގެ ފްލެޓް ދޫކުރަން ނިންމީ މެއިންޓެނަންސް ފީއާ އެކު 11،500ރ. އަށެވެ. އެ ތަނަށް ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަން ޖެހެ އެވެ.

އެކަމަކު ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލާ އެކު މިނިސްޓަރު ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓުގެ ކުއްޔަކީ މެއިންޓެނަންސްއާ އެކު 7،000ރ. އާ ކަމަށެވެ. އަދި އެ ފްލެޓުތަކުގެ ސެކިއުރިޓީ ޑިޕޮސިޓަކީ 6000ރ. ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިން ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހު ކުއްޔަށް ދައްކަންޖެހެނީ 10،000ރ. އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހޭ ވަރު 8،500ރ. އަށް ވަނީ ކުޑަކޮށްފަ އެވެ.

- ދެ ކޮޓަރި - މަހު ކުއްޔަކީ 6،000ރ. އަދި މެއިންޓެނަންސްގެ ގޮތުގައި 1،000ރ. - ސެކިއުރިޓީ ޑިޕޮސިޓް 6،000ރ.

- ތިން ކޮޓަރި _ މަހު ކުއްޔަކީ 8،500ރ. އަދި މެއިންޓެނަންސް ފީއަށް 1،500ރ. - ސެކިއުރިޓީ ޑިޕޮސިޓަށް 8،500ރ.

ފްލެޓުތަކުގެ ކުއްޔަށް ބޮޑު ބަދަލެއް ގެނައި އިރު އެ ފްލެޓުތަކުގައި ބައެއް ފަރާތްތަކުން ދަނީ ދިރިއުޅެމުންނެވެ. އެމީހުން މަހު ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ދައްކަމުން އައިސްފައި ވަނީ ކުރިން ކަނޑައަޅާފައިވާ އަގުތައް ނަމަވެސް މި ބަދަލާ އެކު އެ މީހުންނަށް ލުއި ލިބޭނީ މަހު ކުލިން ކަމެއް އަދި އާއްމެއް ނުކުރެ އެވެ.

ހުޅުމާލޭ 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި ގޮތުގައި މި ގެނައި ބަދަލާ އެކު އާ އެއްބަސްވުންތައް ހެދިގެންދާނެ އެވެ.

މި ސަރުކާރުގެ ކުރީކޮޅު ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ވެސް ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދަ ހަމަޖެއްސުމުގެ ގޮތުން ކޮންމެ ފްލެޓަކަށް ވެސް 200،000ރ. ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅަކަށް ވާތީ އެ ވައުދާ އެއްގޮތަށް އެކަން ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.