ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފި
ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފި

ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހުޅުމާލޭގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް އެ ސަރަހައްދުގައި ގާއިމުކޮށްފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެ ސެންޓަރު ހުންނަނީ ވިނަރެސް ޓަވަރު 9 ގަ އެވެ.

މުޅި ހުޅުމާލޭގައި ހިނގަމުން އަންނަ ކަންކަން މި ސެންޓަރުން ފެންނާނެ އެވެ.

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް އެޗްޑީސީން މި ހަފުތާގައި ތައާރަފުކޮށްފައިވާއިރު މި ސެންޓަރު ބަލަހައްޓާނީ އެ މުވައްޒަފުންނެވެ.

އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. މިހާރު ވެސް އެތަނުގެ އެތެރޭގައި ކޮންމެ ފުލޯއަކާއި ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެ އެވެ.