19 ޑިސެމްބަރ 2025 - 08:43

ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
ސުތުރާއަކީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ޖަހާ ނުވަތަ ބަހައްޓާ އަސައެއް ނުވަތަ އެ ނޫން ވެސް އެއްޗެކެވެ. ނުވަތަ ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެކެވެ. އެ ބޭނުމުގައި ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިހާރު މިސްކިތްތަކުގައި ވަރަށް ގިނައިން ބަހައްޓާފައި ހުރެ އެވެ.
ފިލައިން ހަދާފައިވާ ސުތުރާ މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ، އެކަމުގެ ހުކުމް ބަޔާން ކޮށްދޭން ފަތުވާ މަޖިލީހުން ވަނީ މި ހަފުތާގައި ފަތުވާއެއް ނެރެފަ އެވެ. އެ ފަތުވާގައިވާ ގޮތުން ސުތުރާ ބޭނުން ކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ހާއްސަ އެއްޗެއް ހަދައިގެން ބޭނުން ކުރުން މިއީ ތަފާތު ދެ ކަމެކެވެ.
ސުތުރާއާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބުނީ ގިނަ ފިގުހު އިލްމުވެރިންގެ ނަޒަރިއްޔާއަކީ ސުތުރާ ބެހެއްޓުމަކީ ސުއްނަތެއް ކަމަށާއި ނަމަވެސް ފަހުގެ ބައެއް އިލްމުވެރިން ސުތުރާ ވާޖިބު ކަމަށް ވެސް ވިދާޅުވާ ކަމަށެވެ.
ރަސޫލާގެ ޒަމާނުގައި މިސްކިތުގައި ސުތުރާއަށް ބޭނުންޖެހިފައި ވީއިރުވެސް އެކަމަށް ހާއްސަ އެއްޗެއް ބަހައްޓާފައި ނުވާ ކަަމަށާއި ނަމަވެސް މިސްކިތުން ބޭރުގައި ނަމާދު ކުރައްވާއިރު ސުތުރާ ބެހެއްޓެވިކަން ސާބިތުވާ ކަމަށް ފަތުވާގައި ބުންޏެވެ. ސުތުރާގެ ގޮތުގައި ބަހައްޓަވައިފައިވަނީ އެހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗެވެ.
"ސުތުރާއަށް ވަކި އެއްޗެއް ހަދައިގެން ބޭނުމެއް ނުކުރައްވަ އެވެ. އެ ދުވަސްވަރު ސުތުރާގެ ގޮތުގައި ބޭނުންކުރައްވައިފައި ވަނީ އަންނަނިވި ތަކެއްޗެވެ. ފާރު، އަސާ، މީހުން، ތަންމަތި، އެނދު، ދުނި ނުވަތަ ތީރު، ސަވާރ،ީ އަސްދާނުގޮނޑ،ި ގަސް ފަދަ ތަކެއްޗެވެ." ފަތުވާގައި ބުންޏެވެ.
ފަތުވާގައި ބުނީ މިސްކިތުގެ ތެރޭގައި ވަކި ހާއްސަ އެއްޗެއް ހަދާ ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އަލަށް އުފެދިފައިވާ މައްސަލައަކަށް ވުމުން މި މައްސަލައަކީ ވެސް ފިގުހީ އެހެން މައްސަލަތައް ފަދައިން ހިލާފު އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އިލްމުވެރިންގެ ތެރެއިން އެއްބަޔަކު ދެކެވަޑައިގަންނަވަނީ މިކަމަކީ ހެޔޮ ކަންކަމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް އިލްމުވެރިންގެ ތެރެއިން އަނެއްބަޔަކު މިކަން މަނާކުރައްވަ އެވެ.
ރަސޫލާގެ ޒަމާނުގައި ސުތުރާގެ ގޮތުގައި ހާއްސަ އެއްޗެއް ބޭނުންކުރައްވާފައި ނުވާއިރު، އެ ދުވަސްވަރު މިސްކިތުން ބޭރުގައި ސުތުރާއަށް ބޭނުންކޮށްފައިވަނީ ވެސް އާންމުކޮށް އެހެން ކަންކަމަށް ބޭނުންކުރާ ތަކެތި ކަމަށް ފަތުވާގައި ބުންޏެވެ. ސުތުރާއަށް ހަދާފައިވާ ހާއްސަ އެއްޗެއް ނޫނެވެ.
"އެހެންކަމުން މި މަޖިލީހުގެ މެންބަރުން ބުރަވަނީ ސަލަފުއްސާލިހުންގެ ޒަމާނުގައި ނުކުރައްވާ ކަމެއް މިދުވަސްވަރު ވެސް، އަދި މީގެ ފަހުން ވެސް ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ،" ފަތުވާގައި ބުންޏެވެ.