18 ޑިސެމްބަރ 2025 - 23:20

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ ގޯތިތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ހޮނިހިރު ދުވަހުގެ 9:00 ގައި ފެށޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ހޯލަށް ވަދެވޭނީ ގޯތިލިބޭ ފަރާތްތަކުގެ ތެރެއިން އެކަކަށެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މިނިސްޓްރީން ބުނީ، ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު، ހިޔާވަހި ޕޯޓަލުން ފެންނާނެ ކަމަށެވެ.
ހުޅުމާލެ ފޭސް 3 އިން 1351 ގޯތި ދިނުމަށްޓަކައި، ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ވަކި ހިސާބަކަށް ގޮސް، ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އިތުރު ޑްރެޖަރުތަކެއް ގެނެސް އެ މަސައްކަތް މިހާރު ވަނީ ހަލުއިކޮށްފަ އެވެ.
މިގޮތުން، ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތަށް ފަހު، ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނު އަންދާޒާ ކުރައްވާ ގޮތުގައި ގިރާވަރު ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ އެވެ.