18 ޑިސެމްބަރ 2025 - 15:12

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާއެކެވ އެ ހުރިހާ ދައުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކުރިން އޮތީ ނިންމައިފަ އެވެ.
އެ ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަތައް ބެއްލެވި ގާޒީ އަލީ ނަދީމް ވަކިވަކިން އިއްވެވި އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއަކަށް އަރަ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެކެވެ.
އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުމުގެ ދިނުމުގެ ދައުވާތަކުގައި ނުވަ އަހަރުގެ ޖަލު ހުކުމެކެވެ.
ޝިފާއުގެ ފަރާތުން އެދުނީ ގޭ ބަންދުގެ ހުކުމެއް ނުވަތަ ހުކުމުގެ ވަކި މުއްދަތެއް ގޭ ބަންދު ކުރުމުގެ ހުކުމަކަށް ބަދަލުކޮށް ދިނުމަށެވެ. އޭނާގެ ވަކީލް ވިދާޅުވީ ޝިފާއުއަކީ ޒިންމާދާރު މީހެއް ކަމަށާއި އަދި އެ މައްސަލާގެ ފަހުން އޭނާގެ އިތުރު ރެކޯޑެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި ޝިފާއުއަކީ އާއިލާއެއް ބަލަހައްޓަމުންދާ މީހެކެވެ. އެހެންވެ، އެކަންކަމަށް ރިއާޔަތްކުރަން ވަކީލް އެދިވަޑައިގަތެވެ.
ޝިފާއު ބުނީ ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދެވޭނީ ވެސް ބަންދުން މިނިވަންވެފައި ހުރެގެން ކަމަށެވެ. އެހެންވެ، ދެވެން އޮތް އެންމެ ލުއި އަދަބެއް އޭނާ އެދުނެވެ.
(ތަފްސީލު އަންނަނީ)