ރަތް ކުލައިގެ ވެލިގަނޑެއް އޮންނަ، އީރާންގެ ހޮރްމޫޒް އައިލެންޑަށް ބޯކޮށް ވާރޭ ވެހި މުޅި ގޮނޑުދޮށާއި މޫދު ރަތްވެ އާދަޔާ ހިލާފް މަންޒަރަކަށް ވެއްޖެ އެވެ.

ރެޑް ބީޗްގެ ނަމުގައި މަޝްހޫރު އެ ތަނަށް ވާރޭ ވެހި ބޮޑުވި ފެނާއި މޫދު ވެސް ރަތްކުލައަށް ބަދަލުވީ ވެލީގައި ހުރި މިނެރަލް މޫދުގެ ލޮނާ އެކުވެގެން ކަމަށް ވަނީ ބެލެވިފަ އެވެ. އެ ރަށުގެ ވެއްޔަކީ އަޔަން އޮކްސައިޑް އިން މުއްސަނދި ވެއްޔަކަށް ވާއިރު މި މަހުގެ 16 ވަނަ ދުވަހު ވެހުނު ބޯ ވާރެޔާ އެކު އެ މާއްދާތައް ފޭދިގެން މޫދަށް އެޅި ލޭ ކުލަ އެރީ އެވެ.

"ހޮރްމޫޒް އައިލެންޑު މައިގަނޑު ގޮތެއްގައި އުފެދިފައިވަނި ރަތް ވެއްޔާއި ލޮނުގެ ހިލައިން،" ސައިންސް ޑައިރެކްޓްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވެ އެވެ.

"ވެލީގެ ކުލަ ރަތަށް ބަދަލުވެފައި ވަނީ ހީމަޓައިޓް އާއި އަޔަން ހައިޑްރޮކްސައިޑް އެކުވެގެން."

ހޮރްމޫޒް އައިލެންޑަކީ އީރާނުގެ ދެކުނުގެ އައްސޭރިފަށުގައި އޮންނަ ހޮރްމޫޒް ކަނޑުއޮޅިގައި އޮންނަ ކުޑަ ރަށެކެވެ.

ވެލީގެ ތަފާތު ކުލަޔަށް ނިސްބަތްކޮށް އެ ރަށަށް ރެއިންބޯ އައިލެންޑް އޭ ވެސް ކިޔަ އެވެ.