ރައީސް މުއިއްޒުގެ މަސައްކަތްޕުޅަށް 62 ޕަސެންޓް ތާއީދު އޮތްކަން ސާވޭއަކުން ދައްކައިފި
ރައީސް މުއިއްޒުގެ މަސައްކަތްޕުޅަށް 62 ޕަސެންޓް ތާއީދު އޮތްކަން ސާވޭއަކުން ދައްކައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 ޕަސެންޓް މީހުން ހިތްހަމަޖެހޭކަން ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދައްކައިފި އެވެ.

ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމަށްވާ ބާނީން ކުރި ސާވޭގައި ބުނީ، ރައީސް މުއިއްޒު ޒިންމާ އަދާކުރައްވާ ގޮތާ މެދުގައި، ވޯޓުލާ އުމުރުގެ ދިވެހިން ދެކޭ ގޮތް މިދިޔަ މަހު އަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 62 ޕަސެންޓު މީހުން އެ މަނިކުފާނުގެ މަސައްކަތްޕުޅާ މެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 23 އިން މި މަހު އެކެއްގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ސާވޭގައި ރައީސްގެ މަސައްކަތްޕުޅާ މެދުގައި "ހިތްހަމަނުޖެހޭ" ނުވަަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށް 38 ޕަސެންޓު މީހުން ބުނެފައިވެ އެވެ.

އެ ނަތީޖާއާ އެކު، ރައީސް މުއިއްޒަށް ލިބިފައި ވަނީ 24+ ނެޓް އެޕްރޫވަލް ރޭޓިންއެއް ކަމަށް ބާނީން ބުންޏެވެ.

ރައީސް މުއިއްޒުގެ މަސައްކަތްޕުޅާ މެދު ހިތްހަމަޖެހޭކަން ފާޅުކުރި 62 ޕަސެންޓް މީހުންގެ ތެރެއިން 21 ޕަސެންޓް މީހުން ވަނީ "ވަރަށް ބޮޑަށް" ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. ބާނީން ބުނި ގޮތުގައި، އެއީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހުން ކަމަށް ބެލެވިދާނެ އެވެ.

ބާކީ ތިބި 41 ޕަސެންޓް މީހުން "ހިތްހަމަޖެހޭ" ކަމަށް ބުންޏަސް، އެއީ އެ މަނިކުފާނުގެ ދެގޮތެއް ނުވާ ސަޕޯޓަރުން ކަމަކަށް ނުބެލެވެ އެވެ.

ބާނީން ބުނި ގޮތުގައި، މި ސާވޭގެ ނަތީޖާ ނެރެފައި ވަނީ ރެންޑަމް ފޯން ކޯލް މެދުވެރިކޮށް އިންޓަވިއު ކޮށްގެންނެވެ. އެ ތިންކު ޓޭންކުން 391 މީހަކާ ސުވާލުކޮށް، ބައިނަލްގައުވާމީ ޕޯލިން މިންގަނޑުތަކާ އެއްގޮތަށް ސާވޭކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.

މި ނަތީޖާގެ މާޖިން އޮފް އެރާ އަކީ ފަސް ޕަސެންޓު އަދި ކޮންފިޑެންސް ލެވެލްއަކީ 95 ޕަސެންޓެވެ. އޭގެ މާނައަކީ މި ޕޯލް އެ މުއްދަތުގެ ތެރޭގައި އެކި ފަހަރު މަތިން ހިންގި ނަމަވެސް 95 ޕަސެންޓް ފަހަރު ޖަވާބުތައް ހުންނާނީ މި ސާވޭގެ ނަތީޖާއާ ފަސް ޕަސެންޓަށް ވުރެ ކުޑަ ތަފާތެއްގެ ތެރޭގަ އެވެ.

ބާނީގެ ސާވޭއިން އެނގުނު ގޮތުގައި، ފިރިހެނުންނަށް ވުރެ އަންހެނުންގެ މެދުގައި ރައީސް މުއިއްޒަށް އޮތް ސަޕޯޓް ބޮޑެވެ. ސާވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން 64 ޕަސެންޓް އަންހެނުން ވަނީ ރައީސްގެ މަސައްކަތްޕުޅާ މެދުގައި ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަދި ފިރިހެނުންގެ 60 ޕަސެންޓް ސަޕޯޓް ރައީސަށް ލިބިފައިވެ އެވެ.

ފިރިހެނުންގެ ތެރެއިން 40 ޕަސެންޓް މީހުން ރައީސް މުއިއްޒާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނި އިރު، 36 ޕަސެންޓް އަންހެނުން ވެސް ވަނީ ހިތްހަމަނުޖެހޭ ކަމަށް ބުނެފަ އެވެ.

އުމުރުފުރަ އަށް ބަލާއިރު، ރައީސް މުއިއްޒަށް ގިނައިން ތާއީދުކުރަނީ ދޮށީ އުމުރުގެ މީހުންނެވެ. އެ ސާވޭއިން ދައްކާ ގޮތުގައި، 55 އަހަރަށް ވުރެ މަތީ މީހުންގެ 67 ޕަސެންޓް ތާއީދު އެ މަނިކުފާނަށް އެބައޮތެވެ.

އުމުރު 18-24 އަހަރާ މެދުގެ ޒުވާނުންގެ ތެރެއިން ރައީސްގެ މަސައްކަތްޕުޅަށް 50 ޕަސެންޓް ތާއީދުކުރާ ކަމަށް ވެސް އެ ސާވޭގެ ނަތީޖާއިން ދައްކަ އެވެ.

ބާނިިގެ ޗެއާޕާސަނަކީ ތޯރިގް އަހުމަދު އަދި ވައިސް ޗެއާޕާސަނަކީ އިސްމާއިލް ހުމާމް ހާމިދު އެވެ.