02 އެޕްރީލް 2017 - 20:20

ބަޣުދާދު (އެޕްރީލް 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު ބަޣުދާދީގެ ނައިބު އަޔާދު އަލް ޖުމައިލީ މަރާލާފައިވާ ކަމަށް އިރާގުގެ ރަސްމީ ޓީވީން ބުނެފި އެވެ.
އިރާގު ޓީވީން ބުނީ އައިއެސްގެ ނައިބް ލީޑަރު މަރާލީ ސީރިއާގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ގައިމް އަށް އިރާގު ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ކަމަށެވެ. އަދި އޭނާއާ އެކު އައިއެސްގެ އިތުރު ބަޔަކު މަރާލި ކަމަށް ވެސް އިރާގު ޓީވީން ބުންޏެވެ. އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް ހަމަލާ ދިނުމަށް އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލީޝަނުން އެ ޚަބަރު ޔަގީންކޮށްދީފައެއް ނުވެ އެވެ.
ޖުމައިލީ އަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސޭނުގެ ވެރިކަމުގައި ޖާސޫސީ އޮފިސަރެކެވެ. ސީރިއާ އާއި އިރާގުގައި އައިއެސްގެ ޖާސޫސީ ހުރިހާ ކަމެއް ބެލެހެއްޓީ ޖުމައިލީ ކަމަށްވެ އެވެ.
އައިއެސްގެ ބާރުގެ ދަށުން މޫސަލް ހިފަން އިރާގު ސިފައިން ދަނީ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާ ދެމުންނެވެ. މޫސަލްގެ އިރުމަތީގެ ހިސާބުތައް ހިފުމަށް ފަހު މިހާރު ހަމަލާތައް ދެނީ ހުޅަނގުގެ ސަރަހައްދުތައް ހިފުމަށެވެ.
އިރާގާއި އެމެރިކާގެ އޮފިޝަލުން ލަފާކޮށްފައިވާ ގޮތުގައި އައިއެސްގެ ލީޑަރު ބަޣުދާދީ ވަނީ މޫސަލްގެ ހަނގުރާމަ އެ ޖަމާއަތުގެ އިސް އޮޕަރޭޝަނަލް ކޮމާންޑަރުންނަށް ހަވާލު ކުރުމަށް ފަހު ފިލައިފަ އެވެ. އައިއެސްގެ ބާރު ގަދަކޮށްފައިވާ ސީރިއާގެ ރައްގާ އިން ވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން ފައްސާލުމަށް މިހާރު ވަނީ ހަމަލާތައް ވަރުގަދަކޮށްފަ އެވެ.