ކެޕްޓަން ސާލިޔާ އޮޑި ރޭހުގައި ދަމަހައްޓައި ދީފި، ލީގު ކަނޑައަޅަން ފަހު މެޗަށް
ކެޕްޓަން ސާލިޔާ އޮޑި ރޭހުގައި ދަމަހައްޓައި ދީފި، ލީގު ކަނޑައަޅަން ފަހު މެޗަށް

އެފްއޭއެމް ވިމެންސް ފުޓްބޯޅަ ލީގުގައި އިއްޔެ ހަވީރު އޮޑި ސްޕޯޓްސް ކްލަބުން 1-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށް، ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

އޮޑި ސްޕޯޓްސް އިން އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ޖެހި ހަމައެކަނި ގޯލު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން ފާތިމަތު ސާލިޔާ އެވެ. އޭނާ މި ގޯލު ޖެހީ ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމަކުންނެވެ.

މުޅިން އަލަށް އެފްއޭއެމުން ފެށި އަންހެން ފުޓްބޯޅަ ލީގުގައި މި އަހަރު ހަ ޓީމު ވދަ ކުރާ އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އެއް މެޗެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުން އޮޑި ސްޕޯޓްސް އާއި މާޒިޔާ ވެސް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. މިއީ ލީގުގައި މިހާތަނަށް ބަލި ނުވެ އޮތް ދެ ޓީމެވެ. ދެ ޓީމަށް ވެސް ފައިދާ 15 ގޯލު ލިބިފައި ވާއިރު، މާޒިޔާ ކުރީގައި އޮތީ މިހާތަނަށް 17 ގޯލު ޖަހައިގެންނެވެ. އޮޑި އަށް ކާމިޔާބު ކުރެވިފައި ވަނީ 16 ގޯލެވެ.

ލީހު ކަށަވަރުވާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ލީގުގެ ފަހު މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރާނީ އޮޑި އާއި މާޒިޔާ އެވެ.

ލީގުގެ ތިންވަނައިގައި އޮތް ވިކްޓަރީ އާއި ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ.

ފަސްވަނައިގައި އޮތީ، އަންގާރަ ދުވަހު 1-0 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރި ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީ އެ މެޗުން މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ސްރީލަންކާގެ ފޯވާޑް ޕްރަވީނާ ޕެރޭރާ އެވެ.

ބިސް ބުރަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ލީގުގައި އެ ޓީމު ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ވިކްޓަރީއާ ދެކޮޅަށް ނުކުންނާނެ އެވެ. އޭގެ ކުރިން އާދިއްތަ ދުވަހު ބައްދަލު ކުރާނީ ނިއު އާއި ޓީސީ އެވެ.