18 ޑިސެމްބަރ 2025 - 12:20

ގޭސް އެކްސްޕޯޓް ކުރުމަށް މިސްރާ އެކު 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފި އެވެ.
"އިޒްރޭލުގެ ތާރީހުގައި ހެދި ގޭހުގެ އެންމެ ބޮޑު ޑީލަށް އަޅުގަނޑު ރުހުން ދީފިން. މި ޑީލްގެ އަގު 112 ބިލިއަން ޝެކެލްސް (34.7 ބިލިއަން ޑޮލަރު) އަށް އަރާ. މީގެ ތެރެއިން 58 ބިލިއަން ޝެކެލްސް (18 ބިލިއަން ޑޮލަރު) ދާނީ ދައުލަތުގެ ހަޒާނާއަށް،" ޓީވީން ދިން ބަޔާނެއްގައި ނަތަންޔާހޫ ބުންޏެވެ.
"މި އެއްބަސްވުން ހަދާފައިވަނީ އިޒްރޭލުގެ ޕާޓްނަރުން ހިމެނޭ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޝެވްރޮންއާ އެކު. އެ ކުންފުނިން މިސްރަށް ގޭސް ސަޕްލައިކުރާނެ."
ނަތަންޔާހޫއާ އެކު ބައިވެރިވެ މިސްރުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ވިދާޅުވީ މިއީ އެ ގައުމުގެ ތާރީހުގައި ގޭސް އެކްސްޕޯޓަށް ހެދި ގޭހުގެ އެންމެ ބޮޑު އެކްސްޕޯޓް ޑީލް ކަމަށެވެ.
ނަތަންޔާހޫ ބުނީ މި ޑީލުން ލިބޭ ފައިސާގެ ސަބަބުން ތައުލީމާއި ސިއްހީ ހިދުމަތާއި އިންފްރާސްޓްރަކްޗާ އާއި ސަލާމަތީ ކަންކަން ވަރުގަދަކުރެވި ކުރިއަށް އޮތް ޖީލުތަކުގެ މުސްތަގުބަލު ވަރުގަދަ ވެގެންދާނެ ކަމަށެވެ.
އިޒްރޭލުގެ ކުންފުންޏެއް ކަމަށްވާ ނިއުމެޑް އެނާޖީ އިން އޯގަސްޓް މަހު ވަނީ މިސްރަށް ގުދުރަތީ ގޭސް ސަޕްލައި ކުރުމަށް 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރިކަން އިއުލާނުކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން މިސްރަށް ފޯރުކޮށްދޭ ގޭހުގެ އަދަދު 130 ބިލިއަން ކިއުބިކް މީޓަރަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.