އެއާ ކާގޯ ޑެމަރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކުރަން ނިންމައިފި
އެއާ ކާގޯ ޑެމަރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކުރަން ނިންމައިފި

ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ބައެއް ވިޔަފާރިވެރިން މިރޭ ކުރުމާ އެކު، ޑެމަރޭޖް ނުވެ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ޝަކުވާއަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެއާކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.

"އެމްއޭސީއެލްގެ ފަރާތުން އަޅުގަނޑު ހަމަ މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި މިތަނުގައި އެ ބޭފުޅުން، މި 80 ގަޑިއިރު 124 ގަޑިއިރު ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ އިރާދަކުރެއްވިއްޔާ، 80 ގަޑިއިރުން 124 ގަޑިއިރަށް،" ރައީސް ވިދާޅުވި އެވެ.

ވައިގެ މަގުން ގެންނަ ތަކެތި ކްލިއާކުރުން ލަސްވެ ވިޔަފާރިއަށް ގެއްލުންވާ ކަމުގެ ޝަކުވާ މިރޭ ބައްދަލުވުމުގައި ހުށަހެޅުއްވީ ކޫރިއާ ސާވިސްދޭ ސީޕެކްސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ހުސައިން އެވެ. އޭނާ ވިދާޅުވީ އެއާޕޯޓްގައި ހިލޭ މުދާ ބެހެއްޓެނީ 80 ގަޑިއިރަށް ކަމަށާއި އެ ވަގުތުގެ ތެރޭގައި މުދާ ނެރެވޭނެ އިންތިޒާމް ނެތް ކަމަށެވެ. އެކަން އެހެން އޮތް އިރު ކޫރިއާ ހިދުމަތްދޭ 12 ކުންފުނިން ކޮންމެ ދުވަހަކު ގެންނަ މުދާ އެ ވަގުތުގެ ތެރޭގައި ކްލިއާ ނުކުރެވުމުން ޑެމަރޭޖްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދިޔަ މަހު ދައްކައިފިން، ރައީސް، އެއް މިލިޔަން ރުފިޔާ ޑެމަރޭޖަށް، އެމްއޭސީއެލް އަށް،" އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ މުދާ ކްލިއާކުރުން އަވަސްކުރަން ކޫރިއާ އެޖެންޓުންނަށް ކޮށްދެވެން އޮތީ ކޮން ކަމެއްތޯ އެމްއޭސީއެލްއާ ވާހަކަ ވެސް ދައްކާފައި ވާނެ ކަމަށެވެ. އެކަން ހައްލުނުވާތީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ރައީސް އޮފީހަށް ކޮޕީކޮށްފައި އެތައް ފަހަރަކު ޝަކުވާ ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހައްލެއްގެ ގޮތުގައި ހުށަހެޅުއްވި އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކަސްޓަމްސް އިން 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް ބަދަލުކުރުމެވެ. އެއީ މުދާ ބޭރުކުރުން ލަސްވަނީ ކަސްޓަމްސް އިން ސްކޭންކުރަން އެންމެ މެޝިނެއް ހުރުމުން ސްކޭން ކުރަން ހޭދަވާ ވަގުތު ގިނަވީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ވަނީ އެ ހުށަހެޅުއްވުމާ އެއްގޮތަށް، ކަސްޓަމްސްގެ ހިދުމަތް މިހާރު އޮންނަ 18 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ދެވަނަ ހައްލެއްްގެ ގޮތުގައި އޭނާ ހުށަހެޅުއްވީ ޑެމަރޭޖް (ޖޫރިމަނާ)ގެ ގޮތުގައި ފައިސާ ދައްކަން ނުޖެހޭނެ އިންތިޒާމެއް މިވަގުތަށް ހަމަޖެއްސުމެވެ.

"އެތާގައި ޖާގައެއް ނެތް. އެތާ ހުރީ އެންމެ މެޝިނެއް ކޫރިއާއަށް. އެތާ ފެންސް ބަދަލުކުރުމާއި ނޫނިއްޔާ އެތާ ޖާގަ ބޮޑުކުރުމާ އަދި އެއީ ޓައިމް ނަގާނެ ކަންތައްތައް ވަރަށް. ބޮޑަށް. އެއީ މިސާލަކަށް ބުނާ ނަމަ ހަރަދުތަކެއް ހިނގާނެ ކަމެއް. އެހެން ނަމަވެސް މިހާރު އެބައިނެއް ނޫންތޯ އެއްކަލަ ފްރީޓައިމް ބޮޑުކޮށްލެވެން،" ހުސައިން ވިދާޅުވި އެވެ.

ކޫރިއާ ހިދުމަތްދޭ އެހެން ކުންފުންޏެއް ކަމަށްވާ މައިއެކްސްޕްރެސް އަދި އެކްސްޕްރެސް ޝިޕިން އެންޑް ލޮޖިސްޓިކްސްގެ ފަރާތުން ވާހަކަ ދެއްކެވި އަޝްރަފް ވަހީދު ވިދާޅުވީ އެއާޕޯޓްގައި ކޫރިއާ އަދި އެއާ ކްލިއަރެންސް މަސައްކަތްކުރާ ގޮތް ރައީސާއި ކަމާ ބެހޭ މިނިސްޓަރުން ވަޑައިގެން ބައްލަވައިލެއްވުން ރަނގަޅު ކަމަށެވެ.

"ކިހާ ހާލެއްގައިތޯ އަޅުގަނޑުމެން މަސައްކަތްކުރަމުން ދަނީ. ކިހާ ވަގުތެއްތޯ ހޭދަކުރަނީ ޝިޕްމަންޓް ނެރެލަން،" އަޝްރަފް ވިދާޅުވި އެވެ.

ވިޔަފާރިވެރިން އެތައް ކަމެއް ހުށަހެޅި އިރު ސަރުކާރުން ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ލަސްވުމުގެ ކަންބޮޑުވުން މިރޭ ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ. ރައީސް ވަނީ މި އަހަރުގެ ބާކީ މިއޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ގިނަ ބަޔަކަށް ފައިސާ ދޫކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މިކަމުގައި ބޮޑު ހައްލެއް ގެނެސްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.