ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސްގެ "ސްޓާޓަޕް ގްރާންޓް 2025" ލިބޭ ފަރާތްތައް މިއަދު ހޮވައިފި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ ވިޔަފާރިއަށް އަލަށް ނުކުންނަ ފަރާތްތަކުން ވިޔަފާރިއެއް ފަށަން ނުވަތަ ފަށައިގެން އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރަން ހިލޭ އެހީގެ ގޮތުގައި 500،000ރ. ދެމުން އަންނަ ފަންޑެކެވެ.

އެ ފަންޑުން މި އަހަރު އެހީ ލިބޭ ފަރާތްތައް ކަނޑައަޅައި މިއަދު ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް މި ފަހަރު ދިން އެއް ބޭފުޅަކީ "ރަށި ޕާކް"ގެ ނަމުގައި އައްޑޫ ފޭދޫގައި
ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ހަދަން ޕްރޮޕޯސަލް ހުށަހެޅުއްވި އިބްރާހީމް މިފްޒާލެވެ. ބީއެމްއެލް އިން ބުނީ މިފްޒާލަށް ދިން އެހީ އިން ހަދާ ޕާކުގައި ކުޑަކުދިން ކުޅެން އުޅޭނެ ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭ، ލައުންޖް އޭރިއާއެއް ހުންނާނެ އެވެ. ބީއެމްއެލް އިން ބުނި ގޮތުގައި ރަށިޕާކަކީ އައްޑޫގައި ގާއިމުކުރާ އެފަދަ ފުރަތަމަ ޕާކެވެ.

ސްޓާޓަޕް ގްރާންޓް ލިބުނު ދެވަނަ ބޭފުޅަކީ "ރަށު ޕްލާސްޓިކް ޕްރޮޖެކްޓް" ގެ ނަމުގައި ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ޕްރޮޖެކްޓެއް ވ. ފެލިދޫގައި ހިންގަން ހުށަހެޅުއްވި މުހައްމަދު މިމްރާހެވެ. އޭނާ ހުށަހެޅުއްވި ޕްރެޖެކްޓްގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ތަކެތި އުފެއްދުމެވެ. އުލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން އަވި އައިނު ފަދަ، ބާޒާރުގައި ވިއްކޭނެ ސާމާނު އެ ޕްރޮޖެކްޓުން އުފައްދާނެ އެވެ.

ތިން ވަނަ ބޭފުޅަކީ "ލޭޑީބާޑް ކިންޑަަގާޑެން" ގެ ނަމުގައި ހުޅުމާލެ 2 ގައި އާލީ ލާނިން ސެންޓަރެއް ހަދާ ޝައްމާ ނަދީމެވެ. އެ ސެންޓަރަކީ ބީއެމްއެލް އިން ބުނި ގޮތުގައި އުމުރުން ތިން އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށް އެ ކުދިންގެ އުމުރާ ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ދޭ ސެންޓަރެކެވެ. އެތަނުގައި ކިޔަވައިދެނީ ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ.

ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ބީއެމްއެލް އިން ހޮވީ ދެ ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަނަކުންނެވެ. ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، ދެ ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހެޅި އެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ގްރާންޓް ދޫކުރި ދެ ފަރާތަކަށް ނަމަވެސް މި އަހަރު ތިން ފަރާތަކަށް ގްރާންޓް ދިނީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެންދޭ ހަތަރުވަނަ އަހަރެވެ.