17 ޑިސެމްބަރ 2025 - 12:56

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭސިން ޕޭ ނުވަތަ ދުނިޔޭގެ މާކެޓްގައި އާންމު ނަމުން ނަމަ ވީޗެޓް ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ އެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށް، ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ހައްލުތައް ހަރުދަނާކުރުމަށާއި ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތްތައް ކުރަން އެއްބަސްވުމެެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލް އާއި ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމްކުރި މި ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ފުޅާކުރަން މަސައްކަތްތަކެއް ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ރާއްޖެ މާކެޓު ކުރުމާއި ޓޫރިސްޓުންގެ އެންގޭޖްމަންޓާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ޓޫރިޒަމް ކުރިއަރުވަން ގުޅިގެން މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އަދި ހާއްސަކޮށް ޗައިނާގެ ޓޫރިސްޓުން ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސް ފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާ އެކު ފައިސާ ދައްކަން ހުރި ފުރުސަތުތައް ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރާނެ އެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާ ދެއްކޭ ފަދަ ޓެކްނޮލަޖީތަކާ އެކު ޓޫރިސްޓުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެ، އުންމީދުތައް ހަގީގަތަކަށް ހަދައި ޓޫރިޒަމްގެ ކުރިއެރުމަށް އެހީތެރިވެދޭނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ އިތުރުން ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން ވަނީ ވޭސިން ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފަ އެވެ. މި ސެޝަނުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ޗައިނާގެ ޓޫރިސްޓުން ވޭސިން ޕޭ ބޭނުންކޮށްގެން މުދަލާއި ހިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ހިދުމަތްތައް ބޭނުންކޮށްގެން ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތުދީ އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ.
ބީއެމްއެލް އިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެ އެވެ.
ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުއާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެ އެވެ.