މަސްވެރިންގެ އިހުތިޖާޖުން ބަންދުކުރި އެންމެން ދޫކޮށްލައިފި
މަސްވެރިންގެ އިހުތިޖާޖުން ބަންދުކުރި އެންމެން ދޫކޮށްލައިފި

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑްކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ބާކީ ތިބި ދެ މީހުން ވެސް އިއްޔެ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް ބަންދުކުރުމުގެ އަމުރު ދީފަ އެވެ.

އޭގެ ތެރޭގައި، އިހްތިޖާޖުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ. ނަމަވެސް މައުރޫފްގެ ސިއްހީ ހާލަތަށް ބަލައި އޭނާ ވަނީ އާދީއްތަ ދުވަހު ބަންދުން ދޫކޮށްލައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ބަންދުގައި ދެން ތިބި ދެ މަސްވެރިން އިއްޔެ ދޫކޮށްލީ ތަހުގީގުކޮށް ނިމުމުން ކަމަށެވެ.

އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގައި ތިބި ހަތަރު ބިދޭސީއަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފުލުހުން ވަނީ އެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އިހުތިޖާޖުކުރި މަސްވެރިން ފަހުން ވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ބައްދަލުކޮށް، މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި އެ ބައްދަލުވުން ކާމިޔާބު ކަމަށް ވެސް ބުނެފައިވެ އެވެ.