17 ޑިސެމްބަރ 2025 - 09:42

ދުނިޔޭގެ މަޝްހޫރު ދެ ފްރެންޗައިޒެއް ކަމަށްވާ "އާންޓީ އޭންސް" އާއި "ކާވަލް" ރާއްޖެ އަށް ގެނައުމުގެ ފްރެންޗައިޒް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޕްރެޓްޒެލްސް އަށް ހާއްސަ "އާންޓީ އޭންސް" އައި "ކާވަލް" އައިސްކްރީމް ބްރޭންޑު ހިންގާ ގޯ ޓު ފުޑްސް އިންޓަނޭޝަނަލް އިން ވަނީ ރާއްޖޭގެ ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، "އާންޓީ އޭންސް" އާއި "ކާވަލް" ރާއްޖެ އަށް ތައާރަފު ކުރާނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށެވެ. މިހާރު ވިސްނުން ހުރީ ހުޅުމާލޭގައި މައި ތަން ހުޅުވުމަށް ފަހު މާލެ އާއި ހުޅުމާލޭގައި އިތުރު ކިއޮކްސްތަކެއް ގާއިމް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް އަކީ މިހާރު ވެސް ރާއްޖެ އަށް ގިނަ ފުޑް ފްރެންޗައިޒްތައް ތައާރަފްކޮށްފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި، ޗިކިންގް، ގްލޯރިއާ ޖީންސް، މޯތީ މަހަލް އަދި ބޭކާސް ބާސްކެޓް ހިމެނެ އެވެ. އަދި ދާދި ފަހުން ވަނީ، ދުނިޔޭގެ މަޝްހޫރު، އެމެރިކާގެ ރެސްޓޯރަންޓް ފްރެންޗައިޒް، 'ޓީޖީއައި ފްރައިޑޭސް' ގެ ރެސްޓޯރަންޓެއް މާލޭގައި ހުޅުވަން ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެމެރިކާއަށް ނިސްބަތްވާ "އާންޓީ އޭންސް"ގެ ދެހާހެއްހާ އައުޓްލެޓުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހިންގަމުންނެވެ.
"ކާވަލް"ގެ އައުޓްލެޓުތައް މައިގަނޑު ގޮތެއްގައި އެމެރިކާގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އައި ނަމަވެސް، އެ ބްރޭންޑުން ވެސް ވަނީ ދުނިޔޭގެ މާކެޓަށް ނުކުމެ ބައިނަލްއަގުވާމީ މަގުބޫލުކަން ހޯދަން ފަށައިފަ އެވެ.