17 ޑިސެމްބަރ 2025 - 09:09

ސައުދީ އެމްބަސީ ހިންގާ އިމާރާތުގެ ފުރާޅުމައްޗަށް އެރި އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ސައުދީ އެމްބަސީ މިހާރު ހިނގަމުންދަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ޖެހިގެން ހުންނަ އެމްޓީސީސީ ސޯމިލްގަ އެވެ. މީގެ ކުރިން ފޮރިން މިނިސްޓްރީ އާއި އަރަބިއްޔާ ސްކޫލް ވެސް އެ ތަނުގައި ހިންގަ އެވެ.
ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ޒުވާނާ ތަހުގީގުގެ ބޭނުމަށް ފަސް ދުވަސް ވަންދެން ބަންދުކުރަން ގާޒީ ވަނީ އަމުރު ކުރައްވައިފަ އެވެ.
ބަންދު އަމުރުގައިވާ ގޮތުން ސައުދީ އެމްބަސީ އަށް އޭނާ ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ބަންދު މަޖިލީހުގައި އެ ޒުވާނާ ބުނީ، އެއީ ސައުދީ އެމްބަސީކަން އޭނާއަށް ނޭނގޭ ކަމަށާއި އެފަދަ ނިޝާނެއް ވެސް އެ ތަނުގައި ހުރި ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އެ ތަނުގައި ސައުދި އަރަބިއްޔާގެ ދިދައެއް ނަގާފައިހުރެ އެވެ.
ސައުދީ އެމްބަސީގެ ފުރާޅުމައްޗަށް އެރީ އެ ތަނުގެ ފޮޓޯ މީހުން ނަގާފައި ހުންނަ ތަން ފެންނާތީ ފޮޓޯއެއް ނަގާލަން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، އެ ތަނަށް ފުރާޅުމައްޗަށް އެރިތާ 10 މިނެޓްގެ ތެރޭގައި ފައިބާފައިވާނެ ކަމަށާއި އެއީ އެތަނަށް މީހުން އެރުމުން ބާލުވާތީ އެއީ ރަނގަޅު ކަމެއް ނޫން ކަަމަށް އިހުސާސް ކުރެވިގެން ކަމަށް ވެސް ބުންޏެވެ.
ކުށުގެ އެއްވެސް ރެކޯޑެއް ނެތް އެ ޒުވާނާ ވަނީ އެ ތަނަށް އެރުނީތީ މާފަށް ވެސް އެދިފަ އެވެ.