ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ބަންދުކޮށްފި
ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ބަންދުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އޭގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކުރި އިރު، މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން 25 ވިޔަފާރިއެއް އަދި އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން ބަންދުކުރި 12 ވިޔަފާރިއަކާ އެކު ޖުމްލަ 74 ވިޔަފާރިއެއް ބަންދުކޮށްފައިވެ އެވެ.

އެ މުއްދަތުގައި ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އަލުން ހުޅުވަން ހުއްދަ ދިނީ އެންމެ 8 ވިޔަފާރިއަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، ވަކިވަކި ވިޔަފާރިތަކުގެ ތަފުސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ގަވާއިދާ ހިލާފަށް ހިންގާ ގިނަ ވިޔަފާރިތަކެއް ބަންދުކުރި އިރު، ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.