ސަރުކާރުގެ ކުންފުނިތަކުން މައުލޫމާތު ދޭނެ މީހުން އައްޔަންކުރަން ޕީސީބީން އަންގައިފި
ސަރުކާރުގެ ކުންފުނިތަކުން މައުލޫމާތު ދޭނެ މީހުން އައްޔަންކުރަން ޕީސީބީން އަންގައިފި

ސަރުކާރުގެ ހުރިހާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ނުވަތަ ސަބްސިޑިއަރީ ކުންފުނިތަކުން މީޑިއާ އަށާއި އާންމުންނަށް މައުލޫމާތު ދޭނެ "އިންފޮމޭޝަން އޮފިސަރުން" އައްޔަން ކުރަން އެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން މިއަދު އަންގައިފި އެވެ.

އެ އިދާރާ އިން ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފަ އެވެ.

އެ އިންފޮމޭޝަން އޮފިސަރުން މެދުވެރިކޮށް މައުލޫމާތު ދެވޭނެ ގޮތެއް ހޯދަން ވެސް ޕީސީބީގެ ރައީސް މުހައްމަދު އަނަސް ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި ބާރު އަޅާފައި ވެ އެވެ. އެގޮތުން އިންފޮމޭޝަން އޮފިސަރުންނަށް ވަކި ސްޓާފް އީމެއިލް އެޑްރެހެއްގެ ބަދަލުގައި އާންމު އެއް އީމެެއިލް އެޑްރެހެއް ކަނޑައެޅުމަކީ އެ އިންފޮމޭޝަން އަޮފިސަރަކު ބަދަލުވާ ހާލަތުގައި ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ސުވާލުތައް ފަސޭހައިން ފެންނަން ހުންނާނެ ކަމަކަށް ވާނެ ކަމަށް ޕީސީބީން ބުންޏެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރިފަރާތުން ބުނި ގޮތުގައި އިންފޮމޭޝަން އޮފިސަރުން ހޯދަން އެއްވެސް ކުންފުންޏެއްގެ އިދާރީ އޮނިގަނޑު އިސްލާހު ކުރާކަށް ނުޖެހޭނެ އެވެ. ސަބަބެއް ކަމަށް ބުނީ، އެއީ އިންފޮމޭޝަން އޮފިސަރެއްގެ މަގާމު ހަވާލު ކުރަނީ އެ ވަގުތެއް އެ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފަކާ ކަމަށް ވާތީ ކަމަށެވެ.

"މީގެ އިތުރުން ކުންފުނިން އައްޔަން ކޮށްފައިވާ އިންފޮމޭޝަން އޮފިސަރުންގެ މައުލޫމާތުތައް (ނަން، ގުޅޭނެ ނަމްބަރު، RTI ރިކުއެޓސްޓު ފޮނުވާނެ އީމެއިލް އެޑްރެސް) އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ކުންފުނީގެ ވެބްސައިޓުގައި ޝާއިއު ކުރެވިފައި ހުންނަން ވާނެ އެވެ،" ސާކިއުލާގައި ވެ އެވެ.

ޕީސީބީން ދެކޭގޮތުގައި، ސަރުކާރުގެ ކުންފުނިތަކަށް މިހާރު ވެސް އައްޔަން ކޮށްފައިވާ އިންފޮމޭޝަން އޮފިސަރުންނަކީ ގާނޫނީ ތަޖުރިބާ ހުރި ނުވަތަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި އެ ގާނޫނާ ގުޅޭ ކަންކަން ރަނގަޅަށް ދަންނަ ބަޔަކަށް ވާން ޖެހޭނެ އެވެ.

ޕީސީބީން ބުނީ، އެ ބޯޑުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން، އަންގާ އެންގުންތަކަށް އަމަލު ކުރުމަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ހުރިހާ ކުންފުންޏަކަށް ލާޒިމް ކަމެއް ކަމަށެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން މައުލޫމާތު ދިނުމުގައި ބޮޑެތި ދަތިތައް ކުރިމަތިވާ މައްސަލަ އަބަދު ވެސް ވަނީ ބޮޑުވެފަ އެވެ. އިންފޮމޭޝަން އޮފިސަރުން ނުވަތަ އެ ޒިންމާ ނަގާ މުވައްޒަފުން ހަމަޖައްސާފައި ތިއްބަސް މައުލޫމާތު ހޯދުމުގެ ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑެވެ.