16 ޑިސެމްބަރ 2025 - 18:41

ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަތީ މަގާމުތަކަށް، ބޮޑު މުސާރައަކާ އެކު މީހުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ޑީބީއެމް އިން ވަކިވަކިން ކުރި އިއުލާންތަކުގައި ވަނީ އެ ބޭންކުގެ އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރު ލެވެލްގެ 13 މަގާމަކަށް މީހުން ހޯދަން ބޭނުންވާ ކަމަށެވެ.
މަގާމުތަކަށް ހޯދަނީ މާކެޓިކް އެގްޒެކެޓިވްއަކާއި ތިން ފައިނޭންސް މެނޭޖަރުންނާއި ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުންނާއި އައިޓީ މެނޭޖަރަކާއި އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެކެވެ.
އެ މަގާމުތަކުގެ މުސާރަ އުޅެނީ 20،000ރ. އާއި 45،000ރ. އާ ދެމެދުގަ އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
ޑީބީއެމްގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި އޮތް ނަމަވެސް އެ ބޭންކުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައިވެ އެވެ.
ސައީދު ވިދާޅުވެފައިވަނީ ޑިވެލޮޕްމެންޓް ބޭންކަކީ ރައްޔިތުން އެކައުންޓް ހުޅުވައިގެން ދުވަހުން ދުވަހަށް ހިދުމަތް ހޯދާ ކަހަލަ ބޭންކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ގާއިމްކުރި ވަރަށް މުހިންމު ނިޒާމެއް ކަމަށެވެ.
އެ ބޭންކުގެ އޮފީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވިއިރު، އިދާރީ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެ ބޭންކުގެ ސިޔާސަތުތައް އެކުލަވާލުމުގެ އިތުރުން ފަންޑިން ސްޓްރެޓެޖީތައް ދެނެގަތުމާއި ބޭރުގެ އިދާރާތަކަށް މައުލޫމާތުތައް ދިނުން ވެސް ކުރިއަށް ގެންދާ ކަމަށާއި އަދި ޕްރޮޖެކްޓުތަކުގެ ޕައިޕްލައިން ވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ސަރުކާރުން ޑީބީއެމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.