އެސްއޯއީތަކުގައި އިންޓާނަލް އޮޑިޓު ސެކްޝަން އެކުލަވާލަން ލާޒިމްކޮށްފި
އެސްއޯއީތަކުގައި އިންޓާނަލް އޮޑިޓު ސެކްޝަން އެކުލަވާލަން ލާޒިމްކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ރިސްކު މެނޭޖްމެންޓް ފަންކްޝަން އެކުލަވައިލުމަށް ޕީސީބީން އަންގައިފި އެވެ.

އެ އިދާރާ އިން މިއަދު އާންމުކުރި ސާކިއުލާގައިވާ ގޮތުން އިންޓާނަލް އޮޑިޓް އަދި ރިސްކު މެނޭޖްމަންޓް ފަންކްޝަންގެ މަސައްކަތްތައް އަދާކުރުމަށް، އެ ފަންކްޝަންގައި މިހާތަނަށް ނެތް ކުންފުނިތަކުން ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަތުމަށް ވީ އެންމެ އަވަހަކަށް "ނީޑް ބޭސް އެސެސްމެންޓް" އެއް ހަދަން ޖެހޭ ކަމަށެވެ. އެކަމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، އެކަމަށް ބެނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް އިސްކަން ދިނުމަށް ޕީސީބީން ވަނީ އެދިފަ އެވެ.

އެ އިދާރާއިން ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމެންޓް ގައިޑްލައިންގައި ޕީސީބީ އަށް ރިޕޯޓު ހުށަހަޅަންޖެހޭ ގޮތަށް ކަނޑައަޅާފައިވާއިރު، އެ ބޯޑުގެ އިތުރުން މީގެ ފަހުން އިންޓާނަލް އޮޑިޓަށް ވެސް ޕްރޮކިއުމެންޓް ރިޕޯޓު ހުށަހަޅަން ޕްރޮކިއުމެންޓް ގައިޑްލައިން އިސްލާހު ކޮށްފައިވާ ކަމަށެވެ.

ކުންފުނިތަކުން ހިއްސާކުރާ ކުއާޓާލީ ރިޕޯޓާއި ފައިނޭންޝަލް ރިޕޯޓާއި އެއާ ގުޅޭ ލިޔެކިޔުންތައް ޕީސީބީއާ ހިއްސާކުރާ އިރު އެ މައުލޫމާތުތައް އިންޓާނަލް އޮޑިޓަށް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

ޕީސީބީން ވަނީ ކުންފުނިތަކުގެ އޮޑިޓް ކޮމިޓީގެ ނަން "އޮޑިޓް އެންޑް ރިސްކު ކޮމިޓީ" އަށް ބަދަލުކުރުމަށް ހުރިހާ ކުންފުނިތަކަށް އަންގައިފަ އެވެ. އަދި ބޮޑެތި ކުންފުނިތަކަށް ހިއްސާދާރުންގެ ލަފައާ އެކު، ރިސްކަށް ހާއްސަ ކޮމިޓީއެއް ވަކިން ވެސް އެކުލަވައިލެވިދާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާދީފަ އެވެ.

ޕީސީބީން އަންގާ އެންގުންތަކާއި ގައިޑްލައިންތަކާއި އުސޫލުތަކަށް ކުންފުނިން އަމަލުކުރޭތޯ ދެނެގަނެ، މަދުވެގެން އަހަރަކު އެއް ފަހަރު ކޮމްޕްލަޔައެންސް އޮޑިޓެއް ހަދައި، ކުންފުނީގެ ބޯޑަށް، ނުވަތަ ކަމާ ގުޅޭ ބޯޑު ކޮމިޓީ އަށް ކުންފުނީގެ އިންޓާނަލް އޮޑިޓުން ހުށަހަޅައި، އިސްލާހު ކުރަން ޖެހޭ ކަންކަން އަންގަމުން ދިއުމަށް ވަނީ އެދިފަ އެވެ.

ޕީސީބީން ވަނީ މިބަދަލުތައް އަންނަ މަހުގެ 31 ގެ ނިޔަލަށް ކުންފުނިތަކަށް ފުރުސަތު ދީފަ އެވެ.