ބޮންޑައި ބީޗްގައި ހަމަލާދިން ދެބަފައިން މިދިޔަ މަހު އުޅުނީ ފިލިޕިންސްގައި
ބޮންޑައި ބީޗްގައި ހަމަލާދިން ދެބަފައިން މިދިޔަ މަހު އުޅުނީ ފިލިޕިންސްގައި

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި ބަޑިން ހަމަލާދީ 15 މީހަކު މަރާލި ދެބައިފައިން މިދިޔަ މަހު އުޅުނީ ފިލިޕިންސްގައި ކަމަށް އެ ގައުމުން ބުނެފި އެވެ.

ފިލިޕިންސްގެ އިމިގްރޭޝަނުން ބުނީ ހަމަލާގެ ތުހުމަތުވާ ސާޖިދު އަކްރަމް، 50، އާއި އޭނާގެ ދަރިފުޅު ނަވީދް، 24، ފިލިޕިންސަށް އެތެރެވީ މިދިޔަ މަހުގެ 1 ގައި ކަމަށެވެ. އެ ދެބަފައިން ދަތުރުކުރީ އެކުގައި ކަމަށާއި އިންޑިއާ ރައްޔިތުކަން އޮންނަން ސާޖިދު ފިލިޕިންސަށް އެތެރެވެފައި ވަނީ އިންޑިއާ ޕާސްޕޯޓުގައި ކަމަށް ވެސް ފިލިޕިންސުން ބުންޏެވެ.

ސާޖިދަކީ އިންޑިއާ ރަށްވެހިކަން އޮންނަ މީހަކަށް ވާއިރު ނަދީވަކީ އޮސްޓްރޭލިއާ ރައްޔިތެކެވެ.

މި މީހުން ހަމަލާ ދިނީ އައިއެސް ފިކުރުގައި ޖެހިގެން ކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާއިރު ފިލިޕިންސުން ބުނީ ދެބަފައިން ފިލިޕިންސްގައި ގޮސް ތިބޭ ތަނެއްގެ ގޮތުގައި ބުނެފައި އޮތީ ޑާވާއޯ ޕްރޮވިންސް ކަމަށެވެ. އެއީ މައި ސަރުކާރާ ދެކޮޅަށް ދީނީ ފިކުރުގައި ހަނގުރާމަވެރި އަމަލުތައް ހިންގަމުން އަންނަ ސަރަހައްދެކެވެ.

"އެ ދެ މީހުންގެ ފަހު މަންޒިލެއްގެ ގޮތުގައި އޮތީ ޑާވާއޯ. އެ މީހުން ގައުމުން ފުރައިގެން ދިޔައީ ނޮވެމްބަރު 28، 2025 ގައި ޑާވާއޯ އިން މެނީލާއަށް ދިޔަ ކަނެކްޓިން ފްލައިޓަކުން، ސިޑްނީއަށް ދަތުރު ނިމޭ ގޮތަށް."

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވެފައިވާ ގޮތުގައި، ހަމަލާދިން ދެ މީހުންގެ ވިސްނުން ބަދަލުކުރުވީ އައިއެސްގެ ފިކުރުން ކަމަށް ބެލެވެ އެވެ.

ހަމަލާދިން ދެބައިފައިން ދިޔަ، ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯ އަކީ ދާވާއޯ ޕްރޮވިންސް ހިމެނޭ ސަރަހައްދު ކަމަށް ވާއިރު 2017 ވަނަ އަހަރު ވަނީ އައިއެސްއަށް ތާއީދުކުރާ މައޫތޭ އާއި އަބޫ ސައްޔާފްގެ ހަނގުރާމަވެރިން އެ ސަރަހައްދު ވަށައިލި އެވެ. ފިލިޕިންސް ސިފައިން އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދަން ކުރި ހަނގުރާމާގައި ހާހެއްހާ މީހުން މަރުވި އެވެ. -- އޭއެފްޕީ