16 ޑިސެމްބަރ 2025 - 11:41

އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅެން ތައްޔާރު ވަމުން އަންނަ އުރުދުން މުޅިން އަލަށް ފީފާ އަރަބި ކަޕް ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެ ޓީމު ފައިނަލަށް ދިޔައީ، ހާވޭ ރެނާޑްގެ ކޯޗުކަމުގައި ކުޅުނު ސައުދީ އަރަބިއްޔާ 1-0 އިން ބަލިކޮށްފަ އެވެ. އެ ޓީމުގެ ހަމަ އެކަނި ގޯލު 66 ވަނަ މިނިޓުގައި ޖަހައިދިނީ ނިޒާރު އައްރަޝްދާން އެވެ.
ފީފާ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ސައުދީ އަރަބިއްޔާ މި މުބާރާތަށް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އުރުދުން އަތުން ބަލިވި މެޗަށް ފަހު ސައުދީގެ ކޯޗު ރެނާޑް ބުނީ، އެ ޓީމަށް ދެކޮޅަށް ކުޅުނީ އުނދަގޫ މެޗެއް ކަމަށެވެ.
އޭނާ ބުނީ މުބާރާތުގެ ފައިނަލްގެ ޖާގަ ގެއްލުނު ނަމަވެސް، ކުރިއަށް ހުރީ ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ދުވަސްތަކެއް ކަމަށެވެ.
"މަރުހަބާ އުރުދުން. މެޗުގެ ނަތީޖާ ނުކުތީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. އަދި އެހާ ރަނގަޅަށް ރޭވުންތެރިކަމާ އެކު ކުޅުނު ޑިފެންސަކާ ދެކޮޅަށް އަހަރެމެންނަށް މާ ގިނަ ފުރުސަތުތަކެއް ވެސް ނުލިބުނު،" ރެނާޑް ބުންޏެވެ.
ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން 62،825 ސަޕޯޓަރުން ދަނޑަށް ވަނެވެ. މިއީ އެ މުބާރާތުގައި އެންމެ ގިނައިން ސަޕޯޓަރުން ދަނޑަށް ވަން މެޗެވެ.
އުރުދުން ވަނީ ގުރޫޕް ސްޓޭޖުގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއި މިސްރާއި ކުވެއިތު ބަލިކޮށްފަ އެވެ. އަދި ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި އިރާގު ބަލިކޮށްގެންނެވެ.
ބުރާސްފަތި ދުވަހު ކުޅޭ ފައިނަލްގައި އުރުދުން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މޮރޮކޯ ވަނީ ސެމީ ފައިނަލްގައި 3-0 އިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ބަލިކޮށްފަ އެވެ.
އަންނަ އާދިއްތަ ދުވަހު މޮރޮކޯގައި ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ވެސް މޮރޮކޯ ދަނީ ތައްޔާރު ވަމުންނެވެ. އަރަބި ކަޕްގައި އެ ގައުމުން ވާދަ ކުރަނީ "އޭ" ޓީމު ސްކޮޑެކެވެ. އަދި ގައުމީ ޓީމުގެ ހެޑް ކޯޗު ވަލީދު ރެގްރަގީގެ ބަދަލުގައި އަރަބި ކަޕްގައި މޮރޮކޯ އަށް އިރުޝާދު ދެނީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗު ކޮށްދެމުން އަންނަ ތާރިގް ސެކްތިޔޫއީ އެވެ.
މިއީ 1985 އިން ފެށިގެން ޔޫނިއަން އޮފް އަރަބް ފުޓްބޯލް އެސޯސިއޭޝަންސް (ޔޫއާފާ) އިން އިންތިޒާމް ކުރަމުން އައި އަރަބި ކަޕް، ފީފާ އިން އިންތިޒާމް ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފީފާ އަރަބި ކަޕް ބާއްވާފައި ވަނީ 2021 ވަނަ އަހަރު ގަތަރުގަ އެވެ. އެ އަހަރު މުބާރާތް ކާމިޔާބު ކުރީ އަލްޖީރިއާ އެވެ. އަދި ކުރިއަށް އޮތް 2029 އާއި 2033 ގެ އަރަބް ކަޕް ވެސް ބާއްވަން ހަމަޖެހިފައި ވަނީ ގަތަރުގަ އެވެ.
މީގެ ކުރިން ޔޫއާފާ އިން އެންމެ ފަހުން 2012 ގައި ބޭއްވި މުބާރާތުގެ ޗެމްޕިއަނަކީ މޮރޮކޯ އެވެ. އެއީ ސްޕޮންސަޝިޕް ލިބުމުގެ ދަތިތަކާ ހުރެ 10 އަހަރު ފަހުން ބޭއްވި މުބާރާތެކެވެ. މިސްރާއި ޓިއުނީޝިއާ ވެސް މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ. ސައުދީ އަރަބިއްޔާ ވަނީ ދެ ފަހަރު ތަށި އުފުލާލައިފަ އެވެ. އަދި އެންމެ ކާމިޔާބު ގައުމަކީ ވިދިވިދިގެން ހަތަރު ފަހަރު ތަށި ހޯދި އިރާގެވެ.
ޔޫއާފާ އިން 1985 ގައި މުބާރާތް އިންތިޒާމް ކުރަން ފެށުމުގެ ކުރިން، އަރަބި ކަޕް ބާއްވަމުން ދިޔައީ ލުބުނާން ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން މުބާރާތް ބޭއްވީ 1963، 1964 އަދި 1966 ގަ އެވެ.