02 އެޕްރީލް 2017 - 16:09

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރު ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހަށް ހާޒިރު ކުރުމަށް ފަހު، ރޭ 9:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ވެސް ގާސިމަށް އެންގި އެވެ. ނަމަވެސް ރޭގެ އެންގެން ބަދަލުކޮށް ފަހުން އެންގީ މިއަދު ހަވީރު 4:00 އަށް ހާޒިރު ވުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕޮލިހަށް ހާޒިރު ވުމަށް ފަހު ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހު ވަކިކުރަން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުން އިތުރު ދައުރަކަށް ހޮވަން އިނާޔަތްތަކެއް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް ޓިކެޓް ދީ އެ މެންބަރުން ހޮވުމަށް ގުޅިފައިވާ ސިޔާސީ ހަތަރު ޕާޓީން ކޮށްދެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި އެ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީގެ އިތުރުން، ޕީޕީއެމް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ.
ގާސިމް ވިދާޅުވީ އެއީ އެމަނިކުފާނުގެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ ޕާޓީތަކުގެ މެންބަރުންނަށް ނިސްބަތްކުރައްވައި ދައްކަވާފައިވާ ވާހަކަތަކެއް ކަމަށާއި އެކަމަކު އެ ވާހަކަ އެކި މީހުންނަށް އެކި ގޮތަށް މާނަކުރެވިދާނެ ކަމަށެވެ.
މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ގާސިމް ގާނޫނީ ވަކީލު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) ވިދާޅުވީ ގާސިމްގެ މައްޗަށް ކުރާ ތުހުމަތުގެ ތަހުގީގު އެ ރޭ ނިންމާލާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ދެން ޕޮލިހަށް ހާޒިރުވެ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ފުލުހުން އެރޭ ބުނި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.