16 ޑިސެމްބަރ 2025 - 09:15

މެރިޓައިމް ސެކިއުރިޓީ އާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެ އާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާކުރެއްވީ ދެ ގައުމުގެ ސިފައިން އާންމުކޮށް ބާއްވަމުން އަންނަ "އެކަތަ" އަސްކަރީ ތަމްރީންތަކުގެ މި އަހަރުގެ އެޑިޝަން ނިންމުމުގެ ރަސްމިއްޔާތަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ދިވެހި ސިފައިންގެ ޗީފް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ ބައްދަލުވުމެއްގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މީގެ އަށް އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "އެކަތަ" އެކްސަސައިޒްގެ މި އަހަރުގެ ބުރު ނިންމުމުގެ ރަސްމިއްޔާތަށް ވަޑައިގަތް ވައިސް އެޑްމިރަލް ސޮބްޓީ މާދަމާގެ ނިޔަލަށް ރާއްޖޭގައި ހުންނަވާނެ ކަމަށާއި މިއީ އޭނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރު ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
ވައިސް އެޑްމިރަލް ސޮބްޓީ އާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ ބައްދަލުކުރެއްވުމުގައި ސަރަހައްދީ މެރިޓައިމް ސެކިއުރިޓީއަށް ހުރި ގޮންޖެހުންތަކާއި ތަމްރީނު ހަރަކާތްތައް އިތުރުކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް މީޑިއާގައި ބުނެފައިވެ އެވެ. މީގެ އިތުރުން ޑިފެންސާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވައި މެރިޓައިމް މައުލޫމާތު ދެ ގައުމުގެ މެދުގައި ހިއްސާކޮށް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށްވެ އެވެ.
ރާއްޖޭގައި މި ވަގުތު އޮތް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ޝާރްދާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ބޭނުންވާ އޮޕަރޭޝަނަލް ސްޕެއާ ވެސް އިންޑިއާއިން ހަދިޔާކޮށްފަ އެވެ.
އެކަތަ އަކީ ޓެކްނިކަލް އަދި ކޮމްބެޓް ޑައިވިން، ބޯޑިން އޮޕަރޭޝަންސް، ފަޔަރިން ޑްރިލްސް، ޑިމޮލިޝަން އެންޑް އެކްސްޕްލޯސިވް ހޭންޑްލިންގް، އެސިމެޓްރިކް ވޯފެއާ ޓެކްޓިކްސް އަދި ސްޕެޝަލް ހެލިކޮޕްޓަ ބޯން އޮޕަރޭޝަން ޑްރިލްސް ހިމެނޭ އެކްސަސައިޒެކެވެ.