16 ޑިސެމްބަރ 2025 - 09:31

ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫން ކަމަށް ގާނޫނުގައި ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކުރާ ވަރިއަކީ ވަރިއެއް ނޫން ކަމަށް ފެމެލީ ކޯޓުން ކުރި ހުކުމަކާ އެކު އުފެދުނު ބަހުސާ ގުޅޭ ގޮތުން އޭނާ ބްލޮގްގައި ލިއުއްވި ލިޔުމެއްގަ އެވެ.
ގަދަ ރުޅީގައި، ކުރެވޭ ކަންކަން ފަހުމު ނުވާ ހާލަތުގައި ކުރާ ވަރި ސައްހަ ނޫން ކަމަށް ރާއްޖޭގެ ކޯޓުތަކުން އަބަދުވެސް ކަނޑައަޅަ އެވެ. އެކަމަކު އޭގެ ނިންމުމެއް "މިހާރު" އިން ރިޕޯޓްކުރުމާ އެކު އާންމުންނާއި ދީނީ އިލްމުވެރިންނާއި ގާނޫނީ ބޭފުޅުންގެ މެދުގައި އެ މައުޟޫގައި ހޫނު ބަހުސްތަކެއް ކޮށްފައިވެ އެވެ.
މިހާރު އުސޫލު އޮންނަ ގޮތުން ކޯޓުން ބޭރުގައި ވަރިކުރުމަށް ފަހު، އެ ވަރި ސާބިތުކުރަން ކޯޓަށް ހުށަހެޅެ އެވެ. ކޯޓުން ބޭރުގައި ވަރިކޮށްފި ނަމަ، މިހާރު އޮންނަނީ ޖޫރިމަނާއެކެވެ. އަދި ކޯޓަށް ހުށަހަޅައިގެން ވަރީގެ ކަންކަން ނިންމުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ވަރި ސާބިތުކުރުމުގެ މައްސަލަތައް އެކި ފަނޑިޔާރުން އެކި ގޮތަށް ނިންމުމުގެ ފުރުސަތު އުފެދިފައިވާތީ، އެއީ ހައްލުކުރަންޖެހޭނެ މައްސަލައެކެވެ. އެކަން ހައްލު ކުރެވޭނީ ޝަމީމް ވިދާޅުވި ގޮތުގައި، ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ވަރިއެއް ނޫންކަމަށް ގާނޫނުގައި ކަނޑައެޅައިގެންނެވެ.
"އޭރުން، ވަރި ކުރެވޭނީ މިހާރުވެސް އޮންނަ ގޮތަށް ކޯޓަށް ހުށަހަޅައިގެންނެވެ. މިހާރު އޮންނަނީ ކޯޓުން ބޭރުގައި ވަރިކޮށްފައި، ކޯޓަށް ހުށަހަޅައިގެން ވަރި ސާބިތުކުރުމެވެ. އެ ބައި، ގާނޫނުން އުވާލާނީ އެވެ. އޭރުން ކޯޓުން ބޭރުގައި ކުރެވޭ ވަރިއެއް ނޯންނާނެ އެވެ. ވަރި، ވަރިއަކަށްވާނީ ކޯޓުގައި ކުރީމަ އެވެ. ކާވެންޏާ މެދު ވެސް އަޅުގަނޑުމެން މި ތިބީ އެގޮތަށް ނިންމައިގެންނެވެ." ޝަމީމް ލިއުއްވި އެވެ.
އޭނާ އެ އިޝާރާތްކުރައްވަނީ ޝައުރީ ކޯޓެއްގައި ކުރާ ކައިވެނި ނޫނީ ބަލައިނުގަތުމަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ހަމައަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ކޯޓުން ބޭރުގައި ކައިވެނިކުރުމަކީ ބޮޑު ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި، ކައިވެނި އެއީ ކޯޓުގައި ކުރާ ކަމަކަށް ހަދައި އެކަމަށް އެންމެން އެއްބަސްވެފައިވާ ކަމަށެވެ. ހަމަ އެގޮތަށް، ވަރިއަކީ ބޭނުން ގޮތަކަށް، ބޭނުން ތަނަކު، ރުޅިއައިސްގެންނާއި ރުޅިނައިސް ވެސް ކުރެވޭން އޮންނަ ކަމަކަށް ހަދައިގެން ތިބުމުގައި އޮތް ހިކުމަތެއް ނުވިސްނޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ކުދިކުދި ވިޔަފާރީގެ މުއާމަލާތްތަކާއި، ކުލީގެ އެއްބަސްވުން ފަދަ، ނިސްބަތުން ނަތީޖާ ކުޑަ ކަންކަން ވެސް ކޯޓަށް ގޮސްގެން މެނުވީ ބާތިލުނުކުރެވޭ ގޮތަށް ގާނޫނީ ނިޒާމެއް ހަދައިގެން ތިބެ، ބޮޑެތި އިޖުތިމާއީ ނަތީޖާތައް ނުކުންނަ، މުޖްތަމައުގެ އަސާސްކަމުގައިވާ އާއިލާ ރޫޅާލުމަކީ އެއަށްވުރެ މާފަސޭހައިން ކުރެވޭ ކަމެއްކަމަށް ހަމަޖައްސައިގެން ތިބޭންވީ ހިކުމަތެއް ވެސް ނުވިސްނޭ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"..ވަރީގެ ޒަރީއާއިން އާއިލާއެއް ރޫޅާލާ ނަމަ، އެ ކާވެންޏެއްގެ މަތީގައި ލިބިފައިވާ މުދަލާއި، ދަރިންގެ ކަންކަމާއި، ފްލެޓާއި ގޯއްޗާއި އެނޫން ވެސް މުދަލާ ބެހޭ ގޮތުން ކޯޓުން ގޮތެއް ނިންމާނީ އެވެ. އޭރުން ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ހައްގުތަކާއި ޒިންމާތައް ސާފުވެ، އެ މައްޗަށް، ތަންފީޒުކުރެވޭނެ ޝަރުއީ ހުކުމެއް ވެސް ލިބިފައި އޮންނާނެ އެވެ." ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ފާހަގަކުރެއްވި ގޮތުގައި އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ ތެރޭގައި އާއިލާ ރައްކާތެރިކޮށްދިނުން ހިމެނޭ އިރު ކައިވެނިކުރުން އެއީ ކޯޓުގައި ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމުގެ ހިކުމަތާއި މަގުސަދު ގޮސް ގުޅެނީ އާއިލާ ރައްކާތެރިކޮށްދިނުމާ ކަމަށެވެ.
ހަމަ އެ މަގުސަދާއި ހިކުމަތު، ވަރީގެ ހާލަތުގައި ވެސް އެބައޮތް ކަމަށާއި އެހެންވެ ވަރީގެ ސަބަބުން ދިމާވާ އިޖުތިމާއީ، އިގުތިސާދީ އަދި ދީނީ މައްސަލަތައް ހައްލުކުރުމަށްޓަކައި، ކައިވެންޏެކޭ އެއްގޮތަށް ވަރިއަކީ ވެސް ކޯޓުގައި ނުވަތަ ދައުލަތުގެ އިދާރާއެއްގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން ކުރެވޭ، އެ ނިޒާމުން ބޭރުގައި ރުޅިއައިސްގެންނާއި ރުޅިނައިސް ނުކުރެވޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޝަމީމް ދެކެވަޑައިގަންނަވަ އެވެ.