16 ޑިސެމްބަރ 2025 - 06:20

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި ޔަހޫދީންގެ ފެސްޓިވަލެއް ކުރިއަށް ދަނިކޮށް ބަޑިން ހަމަލާދިން ދެ މީހުންގެ ތެރެއިން އެކަކު ހުއްޓުވައި އޭނާގެ ބަޑި އަތުލި އަހްމަދު އަލް އަހްމަދަށް އާންމުންގެ ފަރާތުން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް ބުނެފި އެވެ.
އޮސްޓްރޭލިއާގައި މޭވާ ވިއްކުމުގެ ވިޔަފާރިކުރާ އަހްމަދު ވަނީ ބަޑި ހިފައިގެން ހުރި މީހެއްގެ ފަހަތުން ގޮސް ކަރުގައި ބައްދައި ވައްޓާލުމަށް ފަހު ބަޑި އަތުލައިފަ އެވެ. ހަތިޔާރެއް ވެސް ނެތި އަހުމަދު ގޮސް ބަޑި އަތުލައި އެ މީހާއާ ދިމާލަށް އަމާޒުކުރުމާ އެކު އެތަނުން ދުރަށްދެ އެވެ.
އެކަމަކު ބަޑި ގެއްލުނު މީހާ ވަނީ ދުރުގައި ހުރެ ހަމަލާދެމުން ދިޔަ ދެ ވަނަ މީހާ ކައިރިއަށް ގޮސް އަލުން ހަމަލާގައި ބައިވެރިވެފަ އެވެ. އަދި އެ މީހުންގެ ހަމަލާއެއްގައި އަހްމަދުގެ އަތާއި ފަޔަށް ވަޒަން އަރައި ޒަހަމްވެގެން އަންނަނީ ފަރުވާ ދެމުންނެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ އަހްމަދުގެ ހިތްވަރު ގަދަ އަމަލަށް ތައުރީފް ކުރައްވައިފަ އެވެ.
"މިދިޔަ 24 ގަޑިއިރު ތެރޭ ފެނިގެން މި ދިޔައީ ޓެރަރިސްޓް ހަމަލާއެއްގައި، އިންސާނިއްޔަތާ ހިލާފްކަމުގެ އެންމެ މަތީ ދަރަޖަ. އެކަމަކު އަހްމަދު އަލް އަހްމަދު އޭނާގެ އަމިއްލަ ފުރާނައަށް ވެސް ބެލުމެއް ނެތި ނުރައްކަލާ ކުރިމަތިލައި ދައްކައިދިނީ އިންސާނިއްޔަތުކަމުގެ އެންމެ މަތީ ދަރަޖަ،" ބޮޑުވަޒީރު އަލްބަނީޒް އިއްޔެ ވިދާޅުވި އެވެ.
ބޮންޑައި ބީޗްގައި ހަމަލާދީފައިވަނީ އުމުރުން 50 އަހަރުގެ މީހަކާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅެވެ. މީގެ ތެރެއިން 50 އަހަރުގެ މީހާ ވަނީ ހަމަލާ ތެރޭގައި މަރުވެފަ އެވެ. މި މީހުންގެ ހަމަލާތަކުގައި 15 މީހަކު ވަނީ މަރާލައިފަ އެވެ.
އަހްމަދުގެ ބައްޕަ ފާތިހު، އޭބީސީ ނިއުސް އަށް ބުނެފައިވާ ގޮތުގައި ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އަހްމަދަކީ އޮސްޓްރޭލިއާ ރައްޔިތެކެވެ. އަހްމަދު ކުރިން ވަނީ ފުލުހުންގެ ވަޒީފާ އަދާކޮށްފައި ކަމަށާއި ހަމަލާގެ ވަގުތު މީހުން އުޅެމުން ދިޔަ ގޮތް ފެނި އަހްމަދު އިސްކުރީ އެހެން މީހުން ސަލާމަތްކޮށްދޭން ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
އަހްމަދަކީ ބަތަލެއްގެ ގޮތުގައި ސިފަކުރަމުން އަންނައިރު އޭނާ އަކީ ހަމަލާގެ ތެރޭގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން މީހާ ކަމަށްވެ އޭނާއަށް އޮސްޓްރޭލިއާ އާއި އެހެން ގައުމުތަކުގެ މީހުން ވެސް ތައުރީފުކޮށް އެހީ ހޯދައިދޭން ފެށީ އެވެ. މި އެހީގެ އަދަދު މިހާރު ވަނީ 1.1 މިލިއަން ޑޮލަރަށް ވުރެ ވެސް މައްޗަށް ގޮސްފަ އެވެ.