15 ޑިސެމްބަރ 2025 - 15:34

ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވައި ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ)ގެ ސިއްހީ ހާލަތު ގޯސްވެ އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ޅ. ނައިފަރަށް އުފަން ޝައިހް މުހައްމަދު ބަލިކޮށް އުޅުއްވާތާ ދެތިން އަހަރު ވެއްޖެ އެވެ. ދެ ލޮލުގެ ފެނުން ގެއްލި މަސައްކަތް ނުކުރައްވާތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.
ޑޮކްޓަރުންގެ ލަފަޔާ އެކު ޝެއިހް ވަނީ 2019 ގައި އަދި 2023 ގައި ވެސް ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެކަމަކު، އެއްވެސް ކުރިއެރުމެއް ނުލިބި ދެ ލޮލުގެ ފެނުން އެއްކޮށް ވަނީ ގެއްލިފަ އެވެ.
ލޮލުގެ ފެނުން ގެއްލުމުގެ އިތުރުން ވެސް ބައެއް އެހެން ސިއްހީ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ. އެގޮތުން ހަށިގަނޑުގައި ޓިއުމަރެއް އުފެދުމާއި ހިތުގެ މައްސަލަ ހިމެނެ އެވެ.
ސިއްހީ މި މައްސަލަތަކުގައި ފަރުވާއަށް ޝެއިހަށް އެހީ ބޭނުންވާތީ، އެހީ ޖަމިއްޔާ އިން ވަނީ ފަންޑް އެއްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އެހީ ޖަމިއްޔާ އިން ވާހަކަ ދެއްކެވި އަހުމަދު އިގްބާލް ވިދާޅުވީ ޝައިހާއި އެހީ ޖަމިއްޔާއިން ވެސް ބޭނުންވަނީ ރަނގަޅަށް ފަރުވާ ކުރެވޭނެ ތަނަކަށް ގޮސް ފަރުވާ ހޯދަން ކަމަށެވެ. އެހެންވެ އެ ޖަމިއްޔާ އިން ވަނީ "އެދިހަ" ނަމުގައި ޝައިހަށް އެހީވުމަށް އެ ޕޯޓަލެއް ހަދައިފަ އެވެ.
އިގްބާލް ވިދާޅުވި ގޮތުގައި ޝައިހްގެ ލޮލުގެ ކަންކަމާއި ހުރިހާ ޓެސްޓް ކުރުމަށް ފުރަތަމަ ދަތުރުގައި އެކަނި 20،000 ޑޮލަރު (308،400 ރުފިޔާ) ބޭނުންވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ، އެހީތެރިންނާއި ކެއުމާއި ހުރުމުގެ ހަރަދާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޮލުގެ ފަރުވާއަށް ފައިސާ ލިބިއްޖެ ނަމަ ނަމަ ލޮލުގެ ފެނުން އަލުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދީނާއިން އިލްމު އުނގެނިވަޑައިގެން ޝައިހް ދިރިއުޅުއްވަމުން ގެންދެވީ އުފަންރަށް ނައިފަރުގަ އެވެ. އެ ރަށު ސްކޫލު،. މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ލޮލުގެ ހާލަތު ދެރަވެ މިހާރު މަސައްކަތެއް ނުކުރައްވަ އެެވެ.
އޭނާއަކީ އެކި ދާއިރާތަކުން ފޮތް ވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އެ ގޮތުން އޭނާގެ ފޮތްތަކުގެ ތެރޭގައި ހިސްނުލް މުސްލިމް، ކިތާބުއް ސިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުހީދުގެ ހުލަސާ، ކިތާބުއް ސަލާތު ހިމެނެ އެވެ.