15 ޑިސެމްބަރ 2025 - 13:53

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި އިއްޔެ ޔަހޫދީންގެ ދީނީ މުނާސަބަތެއް ފާހަގަކުރަނިކޮށް ބަޑިޖަހައި 15 މީހަކު މަރާލުމުން މުސްލިމުން އުފާ ފާޅުކޮށް ހަވާ އެރުވި ކަމަށް ބުނެ އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާގައި ކްރިސްމަސް ޕާޓީއެއްގެ ވީޑިއޯ ދައުރުކޮށްފި އެވެ.
އޮސްޓްރޭލިއާގެ އޮފިޝަލުން ވަނީ ހަވާ އަރުވާ މަންޒަރު ފެންނަ ވީޑިއޯ އަކީ މުސްލިމުންނާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ ކްރިސްމަސް ފާހަގަކުރަން ބޭއްވި އިވެންޓެއްކަން ކަށަވަރުކޮށްދީފަ އެވެ.
ބޮންޑައި ބީޗްގައި ބަޑިޖެހި ހާދިސާ އަކީ ޔަހޫދީންނާ ދެކޮޅަށް ހިންގި ޓެރަރިސްޓް އަމަލެއް ކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވާއިރު އެކަމާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު އެތައް ވާހަކައެއް ވަނީ ފަތުރަން ފަށައިފަ އެވެ.
މިއީ ޔަހޫދީންނާ ދެކޮޅު ހަމަލާއެއް ކަމަށް ބުނެފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރުމަށް ހާހަހެއްހާ މީހުން އެއްވެފައި ވަނިކޮށް އެ މީހުންނަށް ހަމަލާ އަމާޒުކޮށްފައި ވާތީ އެވެ. މީހަކު އޭނާގެ ފިރިހެން ދަރިއާ އެކު ދިން މި ހަމަލާތަކުގައި 15 މީހަކު މަރުވެފައި ވާއިރު 42 މީހަކު ވަނީ ޒަހަމްވެފަ އެވެ.
އިރު އޮއްސުނު ވަގުތު ދިން ހަމަލާގެ އިރުކޮޅެއް ފަހުން އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ ބައެއް އެކައުންޓްތަކުން ވަނީ ހަވާ އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުކޮށް އެއީ ހަމަލާއަށް ފަހު އެކަމުގެ އުފާ ފާޅުކުރަނީ ކަމަށް ބުނެފަ އެވެ. މުސްލިމުން ބަދުނާމުކޮށް ދައުރުކުރަމުން ދިޔަ އެ ވީޑިއޯ އިރުކޮޅެއްގެ ތެރޭގައި ފެތުރި، އެހެން ގައުމުތަކުގައި ވެސް އެ ދޮގު އާންމުވެގެން ދިޔަ އެވެ.
"އަހަރެމެންގެ ގައުމުން އަހަރެމެން ފުރުސަތު ދިން މީހުން އެ ގެންދަނީ ބޮންޑައި ބީޗްގައި އަހަރެމެންގެ ޔަހޫދީންނާ ދެކޮޅަށް ހިންގި ގަތުލްއާންމު ފާހަގަކޮށް ބޭންކްސްޓައުންގައި ހަވާ އަރުވަމުން،" އޮސްޓްރޭލިއާ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
މުސްލިމުންނަށް ހުތުރު ބަހުން މުހާތަބުކޮށްފައިވާ އެ ޕޯސްޓް އެތައް ސަތޭކަ ފަހަރަކު ޝެއާކޮށް އެތައް ބަޔަކު ކޮމެންޓްކޮށްފައިވެ އެވެ. އެ ޕޯސްޓުގައި، ފުލުހުން އެ އުފާ ފާޅުކުރުން ނުހުއްޓުވަނީ ކީއްވެތޯ ވެސް އަހާފައި އޮތެވެ.
ނަމަވެސް އެ އިވެންޓް ބޭންވި ކްރިސްޓިއަން ކޮމިއުނިޓީން ފަހުން ވަނީ އެއީ މާ ކުރިން ރާވާފައި އޮތް އިވެންޓެއް ކަމަށާއި އެއީ ކޮންމެ އަހަރަކު ވެސް އެ ދުވަހު ބާއްވަމުން އަންނަ އިވެންޓެއް ކަމަށް ބުނެފަ އެވެ. އަދި އެއީ ބޮންޑައި ބީޗްގައި ދިން ހަމަލާ އެއްވެސް ގޮތަކުން ގުޅުން ހުރި ހަރާކާތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.