ފުއްޕާމެޔަށް ޑީސަލް އެޅުނު މީހާ އަދިވެސް ވެންޓިލޭޓަރުގައި
ފުއްޕާމެޔަށް ޑީސަލް އެޅުނު މީހާ އަދިވެސް ވެންޓިލޭޓަރުގައި

ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯގެ މުވައްޒަފަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހާދިސާ ހިނގީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން ޑީސަލް ބޮވިގެންނެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި އަނިޔާވީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ އިބްރާހިމް ޝާހު ނަމަކަށް ކިޔާ މީހެކެވެ.

އޭނާއަށް ފުރަތަމަ ފަރުވާދިނީ ގެމަނަފުށީ ސިއްހީ މަރުކަޒުގަ އެވެ. އެއަށްފަހު އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ފަހު މިހާރު ފަރުވާ ދެމުން އަންނަނީ މާލެ ގެނެސް އައިޖީއެމްއެޗުގަ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އޭނާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާއިން އަންނަނީ އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް މީގެކުރިން ވިދާޅުވީ އެ ހާދިސާ ހިނގި އިންޖީނުގޭގައި ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެ މުވައްޒަފަށް އެގޮތަށް ދިމާވީ މަސައްކަތް އަވަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.