15 ޑިސެމްބަރ 2025 - 11:50

ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ފުވައްމުލަކުގައި ހަދާފައިވާ ފިޝް ޕްރޮސެސިން ފެސިލިޓީ ނުވަތަ މަސް ފެކްޓަރީ އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
މިފްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ފުވައްމުލަކުގައި ހެދި މަސް ފެކްޓަރީގެ މަސައްކަތް ނިންމައި ހިދުމަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ފުވައްމުލަކުގައި އައިސް ޕްލާންޓެއް ހެދުމުގެ މަސައްކަތް 2019 ގައި ފަށައި، އެތަނާ ޖެހިގެން މަސް ފެކްޓަރީއެއް ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން 2021 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ހުއްޓުނު ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ބުނީ އެ މަސައްކަތް ހުއްޓިފައި ވާތީ، މަސްވެރިކަމާ ގުޅުން ހުރި މަސައްކަތެއް ފަށައިދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރުގައި އެދުމުން 2022 ވަނަ އަހަރު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި ކަމަށެވެ.
ނަމަވެސް، އެ މަސައްކަތް ފަށައި އަނެއްކާވެސް ދިގު މުއްދަތަކަށް ހުއްޓިފައި އޮއްވައި، މިދިޔަ އޯގަސްޓް މަހު އެ މަސައްކަތް އަލުން ފެށީ އެ ކުންފުނީގެ ސީއީއޯ ފަރުހަތު ޝަހީރު އެ ރަށަށް ވަޑައިގެން، މި އަހަރު ނިމުމުގެ ކުރިން އެ ފެކްޓަރީގެ މަސައްކަތް ނިންމާނެ ކަމަށް ދެއްވި ޔަގީންކަމާ އެކުގައި ކަމަށް މިފްކޯގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ ފުވައްމުލަކު މަސް ފެކްޓްރީގެ މަސައްކަތް މުޅިން ނިމި، ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތް ގާއިމްކޮށްފައިވާ ފެސިލިޓީއެއް ކަމަށް ނިންމައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ފެކްޓަރީ ހިންގަން މިހާރު ހުއްދަ ވެސް ދީފައިވާ ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތް ހަފުތާގައި އެ ފެކްޓަރީން މަސް ގަނެ، ޕްރޮސެސް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯގެ އުއްމީދަކީ އެ ފެކްޓަރީގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފެކުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވުން ކަމަށް އެ ކުންފުނިން ބުންޏެވެ.