14 ޑިސެމްބަރ 2025 - 17:11

މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއް ގަނބައިގަތުމުން އިމާރާތް އެޅުމުގެ މަސައްކަތް ކައުންސިލުން ހުއްޓުވައި، އެސެސްމަންޓެއް ހަދަން އަންގައިފި އެވެ.
އެ ހާދިސާ ހިނގީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގަތީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.
އިއްޔެ މެންދުރުފަހު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގުމުން އެ ސަރަހައްދަށް ހަވީރު ވަޑައިގެން ހާލަތު ބެއްލެވި ކަމަށެވެ.
އާޒިމް ވިދާޅުވީ ޓެކްނިކަލް ޓީމަށް އެސަސްމެންޓެއް ހެދުމަށް ހަމާލުކޮށްފައިވާނެ ކަމަށާއި އެ މަސައްކަތް އަވަހަށް ނިންމުމަށް ވެސް އަނގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގެ ހަދާފައި ހުރީ ރަނގަޅަށްތޯ ބަލާނެ ކަމަށެވެ.
އަދި އެ އިމާރާތް އެޅުމުގެ މަސައްކަތް މިހާރު ހުއްޓުވާފައިވާ އިރު، އިތުރަށް މަސައްކަތް ކުރެވޭނީ އެސަސްމަންޓަށްފަހު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މާލޭގައި އިމާރާތްކުރަން ބިންގަނޑު ކޮނުމުގެ ތެރޭގައި ގޭގެއަށް އެކި ކަހަލަ ގެއްލުން ލިބުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.