14 ޑިސެމްބަރ 2025 - 15:29

އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ބަޑި ޖަހައި އެތައް ބަޔަކު މަރާލައިފި އެވެ.
ނެޝަނަލް ބްރޯޑްކާސްޓަރު އޭބީސީ އިން ބުނީ މިއަދު އިރު އޮއްސުނު ވަގުތު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 9 އަށް އަރާ ކަމަށާއި އޭގެ އިތުރުން، ބަޑިޖެހި ދެ މީހުންގެ ތެރެއިން އެކަކު ވެސް މަރުވެފައިވާ ކަމަށެވެ.
އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު އެއް ބީޗް ކަމަށްވާ ބޮންޑައިގައި ބަޑިޖެހި ހާދިސާގައި 12 ވަރަކަށް މީހަކު ވަނީ ޒަހަމް ވެސް ވެފަ އެވެ. މީގެ ތެރޭގައި ފުލުހުންގެ ދެ މީހަކު ވެސް ހިމެނެ އެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މީހުންނާ ދިމާލަށް ފަންސާހަކަށް އުންޑަ ފޮނުވާލި އެވެ.
ބަޑިޖެހި ދެ މީހުންގެ ތެރެއިން އެކަކު މަރާލާފައި ވާއިރު ދެ ވަނަ މީހާގެ ގަޔަށް ވެސް ވަޒަން އަރައި ހާލު ސީރިއަސް ކަމަށްވެ އެވެ.
ބަޑިޖަހާފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ. އޮސްޓްރޭލިއާގެ ޔަހޫދީންގެ މައި ޖަމާއަތާއި މުސްލިމުންގެ މައި ޖަމާއަތުން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ.
ދުވާލަކު އަށެއްކަ ހާސް މީހުން ޒިޔާރަތްކުރާ ބޮންޑައި ބީޗްގައި ބަޑިޖަހަމުން ދިޔައިރު ނަގާފައިވާ ބައެއް ވީޑިއޯތަކުން މީހުން ސަލާމަތްވާން ދުވާތަނާއި ޒަހަމް ވެގެން ވެއްޓިފައިވާ މީހުންނާއި ހިމާޔަތް ހޯދަން ތަންތަނުގެ ނިވަލަށް ވަދެ ތިބި މީހުން ފެނެ އެވެ. މި ވީޑިއޯތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ ގަހެއްގެ ނިވަލަން ވަދެ ހުރެހެން ބަޑިޖަހަމުން ދިޔަ މީހަކު ހުއްޓުވަން، ހަތިޔާރެއް ނެތް މީހަކު އެ މީހާގެ ފަހަތުން ގޮސް ހިފަހައްޓައި ވައްޓާލާ މަންޒަރަށެވެ.
އޮސްޓްރޭލިއާގެ ސިޑްނީއާ ހަތަރު މޭލު ދުރުގައި އޮންނަ ބޮންޑައި ބީޗަކީ އެ ގައުމުގެ މީހުންނާއި ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ.