30،000 މީހުންނާ އެކު ކާޑީ ބީގެ ޝޯއެއް ސައުދީގައި
30،000 މީހުންނާ އެކު ކާޑީ ބީގެ ޝޯއެއް ސައުދީގައި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވި މި އަހަރުގެ ސައުންޑްސްޓޯމް ފެސްޓިވަލުގައި އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ ރޭ ޕާފޯމްކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކާޑީގެ ޕާފޯމަސް ބަލަން ރޭ 30،000 އަށް ވުރެ ގިނަ މީހުން ދިޔަ އެވެ. ފޯރިގަދަ އެ ޝޯގެ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ކާޑީ އަންނަނީ ސައުދީގައި އޭނާ ކުރާ ތަޖުރިބާ ވެސް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ.

ސައުދީގައި އޭނާގެ ފޭނުން ތިބޭ ކަމަށް ކުރިން ހީނުކުރާ ކަމަށާއި އެކަމަކު ސައުދީގައި އޭނާ ނުދަންނަ މީހަކު ނެތްކަން މިހާރު އެނގިއްޖެ ކަމަށް ކާޑީ ބުންޏެވެ.

"އެންމެ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް އަހަރެން އެނގޭ. ހީވަނީ އެމީހުންގެ ރާނީއަކަށް އަހަރެން ހަދަން ބޭނުންވަނީހެން. މިތަނުގެ މީހުން ވަރަށް ހިތްހެޔޮ،" ކާޑީ ބުންޏެވެ.

ސައުދީގެ ތަރައްގީ ފެނި ހައިރާންވާ ކަމަށާއި އެހާ "ލަގްޒަރީ" ތަނަކަށް އަދި ނުދެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ކާޑީ ބުނީ ސައުދީގެ ގަވާއިދުތަކަށް އޭނާ ހުރުމަތްތެރިކޮށް ހިތާނެ ކަމަށެވެ. އެހެންވެ، ހެދުން އަޅަނީ ވެސް އެތަނުގެ ސަގާފަތަށް އިހުތިރާމުކުރެވޭނެ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

ކާޑީގެ ލަވަތަކުގައި ވަރަށް ގިނައިން ބޭއަދަބީ ބަސްތައް ހުންނަ ނަމަވެސް، ރޭގައި އޭނާ ހުށަހެޅި ހުރިހާ ލަވައަކުން ވަނީ އެ ބައިތައް ވެސް އުނިކޮށްފަ އެވެ.

ސައުދީ ސަރުކާރުގެ މުނިފޫހިފިލުވުމަށް ހާއްސަ ކުންފުނިން އިންތިޒާމުކޮށްގެން ބާއްވާ ސައުންޑްސްޓޯމް ފެސްޓިވަލަކީ މެދު އިރުމަތީގެ ގައުމުތަކުގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލެވެ. ތިން ދުވަހުގެ އެ ފެސްޓިވަލް ނިންމާލީ ރޭގަ އެވެ. މިއީ މި ފެސްޓިވަލް ބޭއްވި ހަ ވަނަ އަހަރެވެ.

މި އަހަރުގެ ފެސްޓިވަލުގައި ކާޑީގެ އިތުރުން ވެސް ވަރަށް ގިނަ އާޓިސްޓުން ވަނީ ޕާފޯމްކޮށްފަ އެވެ.