13 ޑިސެމްބަރ 2025 - 18:49

އީރާނުން ވަގަށް ތެޔޮ ބޭރުކުރަން އުޅުނު ޓޭންކަރެއް ހިފަހައްޓާފައިވާ ކަމަށާއި އެ އުޅަނދުގައި އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލާދޭޝްގެ 18 މީހަކު ތިބި ކަމަށް އީރާނުން ރޭ ބުނެފި އެވެ.
"ވަގަށް ބޭރުކުރަން އުޅުނު ހަ މިލިއަން ލިޓަރުގެ ޑީސަލާ އެކު އޯމާން ކަނޑުން ވަނީ ތެޔޮ ޓޭންކަރެއް ހިފަހައްޓާފައި،" އީރާންގެ ދެކުނުގައި އޮންނަ ހޮރްމޮޒްގަން ޕްރޮވިންސްގެ އޮފިޝަލަކާ ހަވާލާދީ ފާސް ނިއުސް އެޖެންސީން ބުންޏެވެ.
"އެ އުޅަނދު ދަތުރުކުރީ ނެވިގޭޝަންގެ ހުރިހާ އާލާތްތަކެއް ނިއްވާލައިގެން."
މިގޮތަށް ވަގަށް ބޭރުކުރާ ތެޔޮ ހުންނަ އުޅަނދުތައް އީރާނުން ވަރަށް ގިނައިން ހިފަހައްޓަ އެވެ.
އީރާނަކީ އާންމުންނަށް ރިޓެއިލްކޮށް އެންމެ އަގު ހެޔޮކޮށް ވިއްކާ އެއް ގައުމަށް ވާތީ އެ ތެޔޮ އީރާނުން ބޭރަށް ގެންގޮސް ބޮޑު އަގުގައި އެހެން ގައުމުތަކަށް ވިއްކުން ވެފައި އޮންނަނީ ފައިދާ ބޮޑު ވިޔަފާރިއަކަށެވެ.
މިދިޔަ މަހު ވެސް އީރާނުން ވަނީ ގަލްފް ކަނޑުން ތެޔޮ ޓޭންކަރެއް ހިފަހައްޓާއި އީރާން ބަނދަރަށް ގެންގޮސްފަ އެވެ. އެއީ އީރާނުން އެހެން ގައުމެއްގެ ކިބައިން ބަދަލު ހިފުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކުރި ނަމަވެސް އީރާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އީރާނުން މިފަހަރު ތެޔޮ ޓޭންކަރެއް ހިފަހައްޓާފައި މި ވަނީ އެމެރިކާއިން ވެނެޒުއޭލާގެ ތެޔޮ ޓޭންކަރެއް ހިފެހެއްޓި މައްސަލައެއްގައި ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި އެ ގައުމުން ހިފެހެއްޓީ އީރާނާއި ވެނެޒުއޭލާއިން ތެޔޮ ބޭރުކުރާ ޓޭންކަރެކެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އާއި ހިޒްބުﷲ އާ ގުޅުން އޮންނަ ކަމަށް ބުނެ އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން 2022 ވަނަ އަހަރު ވަނީ ވެނެޒުއޭލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. -- އޭއެފްޕީ