13 ޑިސެމްބަރ 2025 - 11:39

ރ. ދުވާފަރުގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުން އެޗްޑީސީއާ އެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެޗްޑީީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރެއްވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ އެއްބަސްވުމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ދުވާފަރުގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެއްސީއާ ވެސް ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.
ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ހެދުމުގެ މަސައްކަތް އެމްއޭސީއެލްއާ ވެސް މިއަދު ހަވާކުރި އެވެ. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ސްޕޯޓްސް ކޮމްޕްލެކްސް އަޅައި ނިމުމުން އެ ތަނުގައި ވޮލީބޯޅަ އާއި ހޭންޑްބޯލް އަދި ނެޓްބޯލް ފަދަ ކުޅިވަރުތައް ކުޅެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.