12 ޑިސެމްބަރ 2025 - 22:45

މާލެ ސިޓީގެ މޭޔަރުކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވިފައި އޮތުމުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރުމަށް ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވާ އާޒިމް، ވިލިމާލެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ވިދާޅުވީ މަގާމަކަށް އަންނަނީ އިހުލާސްތެރި މަސައްކަތެއް ކޮށްދޭން ކަމަށެވެ.
އެފަދަ މަގާމަކަށް އަންނަނީ ވޯޓު ހޯދަން މަސައްކަތްކުރަން ނޫން ކަމަށައި ރައްޔިތުންގެ ހުރި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލުކޮށްދިނުމަށް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭންޖެހޭނީ ވޯޓާ ކައިރިވުމުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ރަށްރަށު މީހުން ބުނާ ވާހަކައެއް އޮންނާނެ، ތިމަންނަމެންނަށް ބަނދަރެއް ލިބެނީ ތިން ދައުރުންނޭ. ފުރަތަމަ ލިބޭނީ ތޮށިގަނޑެކޭ. ދެން ލިބޭނީ ބޭރުގެ ވާޓަރޭ. ދެން ލިބޭނީ ބޮކި ދަނޑިތަކޭ. ދެން ލިބޭނީ ޕޭވްމަންޓް ގާކޮޅޭ. ނެރު ލިބޭނޭ ފަސްވަނަ ދައުރުގައި. މިއީއޭ އާންމުކޮށް ލިބޭ ގޮތަކީ. އޭރުންނޭ ވޯޓު ލިބެނީ،" އާޒިމް ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަޅުގަނޑަށް ދެއްވި ނަސޭހަތެއް. އާޒިމްއޭ، ތިމަންނާމެން [ރައްޔިތުން ގާތަށް] މި ދަނީ ވޯޓު ހޯދާކަށް ނޫނޭ. މި ދަނީ ރައްޔިތުންނަށް ހިދުމަތް ކޮށްދީ، ރައްޔިތުންނަށް ޖެހޭ ތަކުލީފު އަވަސް ކުރާށޭ."
އެގޮތަށް އަމަލުކުރުމުގެ ސަބަބުން 20 އަހަރާއި 25 އަހަރުން ނިންމަމުން އައި ބަނދަރުތައް 18 މަސްދުވަހުން ނިންމާފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޭޔަރުކަމުގައި މިވީ ދޮޅު އަހަރު ތެރޭ މާލެ، ހުޅުމާލެ އަދި ވިލިމާލެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަލުން ދާންޖެހޭނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ، އިތުބާރު ހޯދައިގެން ކަމަށާއި އެ ކަންތައްތައް ނުކޮށްދެވޭ ނަމަ މިއަދު އިތުރު ދައުރަކަށް ކުރިމަތިލައްވައި ކެމްޕޭނަށް ނުކުމެވަޑައިނުގަންނަވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އުޒުރު ދައްކާ މީހުން އުޅޭނެ ވަރަށް. އެ ސަރުކާރޭ މި ސަރުކާރޭ. އަޅުގަނޑު އެއްވެސް އުޒުރެއް ނުދައްކަން. އަޅުގަނޑު ވިސްނީ ހިކުމަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭން. ކުރިއަށް އޮތް ތަނުގައި ވެސް ވިސްނުން ހުރީ އެގޮތަށް މަސައްކަތް ކޮށްދޭން،" މޭޔަރު ވިދާޅުވި އެވެ
ވިލިމާލެއަށް، އިންތިހާބީ މަގާމެއްގައި ހުރި މީހަކު، އާޒިމަށްވުރެ ގިނައިން އައިސްފައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މޭޔަރު ކަމާ ހަވާލުވެވަޑައިގަތް އިރު އެ އަވަށް އޮތީ އަޅާނުލައި ދޫކޮށްލާފައި ކަމަށާއި މޭޔަރަކަށް ހޮވުމަށް ފަހު އެ އަވަށަށް ދިރުން ގެނެސްދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.