12 ޑިސެމްބަރ 2025 - 21:13

ވެމްކޯގެ މުވައްޒަފަކު ހަމަކުން ޑީސަލް ނަގަން، އެއަށް ހޮޅިއެއް ލައި އަނގަ ޖަހައި ދަމާލި ވަގުތު ޑީސަލް ބޮވި ފުއްޕާމެޔަށް ޑީސަލް އެޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން އަނގައަށް ޑީސަލް އެޅި، އެ ޑީސަލް ބޮވިގެން ކަމަށެވެ.
އެ މުވައްޒަފަށް ފަރުވާ ދޭން އިމަޖެންސީގައި ވަގުތުން އެ އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެވެން ނެތުމުން އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށާއި މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
މިހާރު އެ މުވައްޒަފުގެ ހާލު ސްޓޭބަލް ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގާތުން މޮނިޓާކުރަމުން މި ދަނީ ހުރިހާ ކަމެއް. މިހާރު ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނީ. އޭރު ވެންޓިލޭޓަރަށް ލީ ނޭވާލާން އުނދަގޫ ވެގެން. އެކަމަކު މިރޭ އެއިން ނަގައި އައިސީޔޫއަށް ބަދަލުކުރާނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވަނީ،" މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ އެ ހާދިސާ ހިނގި އިންޖީނުގޭގައި ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެ މުވައްޒަފަށް އެގޮތަށް ދިމާވީ މަސައްކަތް އަވަސް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.