އޮސްޓްރޭލިއާގައި 14 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާއިރު ބުރުގާ އެޅުން މަނާކޮށްފި
އޮސްޓްރޭލިއާގައި 14 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާއިރު ބުރުގާ އެޅުން މަނާކޮށްފި

އުމުރުން 14 އަހަރުން ދަށުގެ ކުދިން ސްކޫލަށް ދާއިރު ބުރުގާ އެޅުން މަނާކުރާ ބިލެއް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

ސެންޓްރިސްޓް ނުވަތަ މެދުމިނުގެ ސިޔާސަތަށް ތާއީދުކުރާ ކަމަށް ބުނާ އޯވީޕީ، އެސްޕީއޯ އަދި ނިއޯސް ޕާޓީގެ ކޯލިޝަނުން ބުނީ މިއީ ޖިންސީ ހަމަހަމަކަމަށް ފާސްކުރި ބިލެއް ކަމަށެވެ. އެކަމަކު އަނެއް ބަޔަކު ބުނަމުންދަނީ މިއީ ގައުމުގައި މުސްލިމުންނާ ދެކޮޅުވެރި ފިކުރެއް އާންމުވެދާނެ އަދި ގާނޫނުއަސާސީއާ ވެސް ހިލާފް ބިލެއް ކަމަށެވެ.

އިއްޔެ ފާސްކުރި ބިލުގައިވާ ގޮތުން ޕަބްލިކް އަދި ޕްރައިވެޓް ސްކޫލްތަކުގައި ވެސް އުމުރުން 14 އަހަރުން ދަށުގެ ކުދިން ތިބެން ޖެހޭނީ ބުރުގާ ނާޅަ އެވެ. މީގެ ތެރޭގައި އާންމު ހިޖާބާއި މޫނުބުރުގާ ހިމެނެ އެވެ.

އެ ގައުމުގައި 2010 ވަނަ އަހަރު ވެސް، އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުން ބުރުގާ އެޅުން މަނާކޮށް ބިލެއް ފާސްކުރި އެވެ. ނަމަވެސް އެ ބިލުގެ މައްސަލަ ދުސްތޫރީ ކޯޓަށް ހުށަހެޅުމުން އެ ބިލް ބާތިލްކުރި އެވެ. އެއީ އޮސްޓްރޭލިއާގެ ގާނޫނުއަސާސީގައި ވަކި ދީނަކަށް އިސްކަން ދިނުން ނުވަތަ ތަފާތުކުރުމެއް ގެންގުޅުން މަނާކޮށްފައި އޮންނާތީ އެވެ.

މި ނިންމުމާ ދަރިވަރަކު ހިލާފުވެއްޖެ ނަމަ، އެ ދަރިވަރަކު ބެލެނިވެރިންނާ އެކު ސްކޫލުގެ ވެރިންނާ ބައްދަލުކުރަން ޖެހެ އެވެ. އަދި ވާހަކަ ދައްކައިގެން އެކަން ބަދަލު ނުކޮށްފި ނަމަ ޗައިލްޑް އެންޑް ޔޫތު ވެލްފެއާ އޭޖެންސީއަށް އެކަން އަންގަން ޖެހެ އެވެ. ގާނޫނާ ހިލާފުވެއްޖެ ނަމަ ދަރިވަރުގެ ގާނޫނީ ބެލެނިވެރިން ނުވަތަ މައިންބަފައިން 1،000 ޑޮލަރާ ހަމަޔަށް ޖޫރިމަނާކުރާނެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ މެންބަރުން ބުނަމުންދަނީ މިއީ ޒުވާން އަންހެންކުދިން "ބާރުވެރިކުރުވުން" ކަމަށެވެ. މިއީ ދީނީ ގޮތުން ނިންމި ނިންމުމެއް ނޫން ކަމަށާއި މިއީ އަންހެން ކުދިންނަށް "މިނިވަންކަން ދިނުން" ކަމަށް ވެސް ބުނެފައިވެ އެވެ.

ވޯޓުގެ ކުރިން ވާހަކަ ދައްކަވަމުން ލިބަރަލް ނިއޯސް ޕާޓީގެ ޕާލަމެންޓް ލީޑަރު ޔާނިކް ޝެޓީ ވިދާޅުވީ މިއީ އެއްވެސް ދީނަކާ ދެކޮޅަށް އަޅާ ފިޔަވަޅެއް ނޫން ކަމަށާއި މި ގާނޫނުން އަސަރުކުރާނީ ގާތްގަނޑަކަށް 12،000 ދަރިވަރުންނަށް ކަމަށެވެ.

އޮސްޓްރިއާގެ އިދިކޮޅު ހަރުކަށި ކަނާތު ފިޔައިގެ ފްރީޑަމް ޕާޓީ އޮފް އޮސްޓްރިއާ (އެފްޕީއޯ) އިން ވަނީ މި ބިލަށް ވަރަށް ބޮޑަށް ތާއީދުކޮށް އަދި މި ހިސާބުން ހުއްޓާނުލެވޭނެ ކަމަށް ބުނެފަ އެވެ. އެ ޕާޓީން ބުނީ މިއީ ފުރަތަމަ ފިޔަވަޅު ކަމަށާއި ހުރިހާ އުމުރެއްގެ ދަރިވަރުން ހިމެނޭ ގޮތަށް ހުރިހާ ސްކޫލަކަށް އަދި އާންމު ތަންތަނުގައި ވެސް މިގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.

އިދިކޮޅު ގްރީންސްގެ ސިގްރިޑް މޯރާ ވިދާޅުވީ މިއީ ގާނޫނުއަސާސީއާ ހިލާފް ބިލެއް ކަމަށެވެ. އަދި އޮސްޓްރިއާގެ އިސްލާމިކް ކޮމިއުނިޓީ އައިޖީޖީއޯ އިން ބުނީ މިއީ އަސާސީ ހައްގުތައް ނިގުޅައިގަނެ، މުޖުތަމައު ބައިބައިކޮށްލާނެ ނިންމުމެއް ކަމަށެވެ.