12 ޑިސެމްބަރ 2025 - 15:14

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ނުސާފުވުމުން، އެޗްޕީއޭއިން އޮރެންޖު އެލާޓް ނެރެފި އެވެ.
އެ އިދާރާއިން އިއްޔެ ބުނީ ވައި ނުސާފުވުމުން ނާޒުކު ހާލަތުގައި ތިބި މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ، އެ ފަދަ ހާލަތުގައި ތިބި މީހުން ބޭރުގައި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވަނީ އެދިފަ އެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު އެން95 މާސްކު ބޭނުންކުރުމާއި ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕަން އަދި އެއާ ޕިއުރިފަޔާ ބޭނުންކުރަން އެދިފަ އެވެ.
ވައިގެ ކޮލެޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ" އިން ދައްކާ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 42 މައިކްރޯ ގްރާމްގަ އެވެ. ޔޫއެސް އޭކިއުއައި އިން ބަލާނަމަ 117 ގަ އެވެ. އެއީ އޮރެންޖު އެލާޓު ހިމެނޭ ލެވެލް އެވެ.
އެ ހާލަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް މިއަށް ވުރެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ކޮންމެ އަހަރެއްގެ ހުޅަނގުމޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދިވެހިން އާއްމުކޮށް ކިޔައި އުޅޭ ގޮތުން ނަމަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެ އެވެ. އަދި ބައެއް ފަހަރު މި މައްސަލަ ވަރަށް ބޮޑުވެ އެވެ.
މޫސުން ދިރާސާކުރާ އިދާރާތަކުން ބުނާ ގޮތުގައި މި މޫސުމުގައި ރާއްޖޭގެ ވައި ނުސާފުވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ ޗޭނު "ހިމާލަޔާސް" އަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީ އެވެ. އެ ވައިގައި އެކުލެވޭ ނުސާފުކަމަކީ ހިރަފުހާއި ފެކްޓްރީތަކުން އަރާ ދުން އެކުލެވޭ ނުސާފުކަމެކެވެ.