ވައިޓްހައުސްގެ އިސް ފަރާތްތަކުގެ މާލީ ބަޔާން އާއްމުކޮށްފި
ވައިޓްހައުސްގެ އިސް ފަރާތްތަކުގެ މާލީ ބަޔާން އާއްމުކޮށްފި

ވޮޝިންޓަން (އެޕްރީލް 2) - ވައިޓްހައުސްގެ ސީނިއާ ސްޓާފުންގެ މާލީ ބަޔާންތައް އާއްމުކޮށްފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އާއި އޭނާގެ ފިރިކަލުން އަދި ވައިޓްހައުސްގެ އެޑްވައިޒަރު ޖާރެޑް ކުޝްނާގެ މިލްކިއްޔާތުގައި 240-740 މިލިއަން ޑޮލަރު ހުރި ކަމަށް ލިޔުންތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލްގައި އޮންނަ އިވަންކާގެ ހިއްސާ އިން މިދިޔަ އަހަރު ލިބުނު 1-5 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ވައިޓްހައުސްގެ ލިޔުންތަކުގައި ރައީސް ޓްރަމްޕާއި ނައިބް ރައީސް މައިކް ޕެންސްގެ މާލީ ތަފްސީލް ހިމަނައިފައެއް ނުވެ އެވެ.

ވައިޓް ހައުސްގެ ސީނިއާ އެޑްވައިޒާ ސްޓީވް ބެނޮންގެ ކޮންސަލްޓެންސީ ފީގެ ގޮތުގައި ބްރެއިބާޓް ނިއުސް އިން ވަނީ 191،000 ޑޮލަރު އޭނާ އަށް ދައްކައިފަ އެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި އޭނާ އަށް ވަނީ އެއް މިލިއަން ޑޮލަރު ލިބިފަ އެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ އަށް ވަނީ ރިޕަބްލިކަން ނޭޝަނަލް ކޮމިޓީގައި ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ ގޮތުން ކުރެއްވި މަސައްކަތަށް 260،000 ޑޮލަރު ލިބިފަ އެވެ. ޓްރަމްޕުގެ ކެމްޕޭން އެޑްވައިޒާ ކެލިއާނީ ކޮންވޭ އަށް ވަނީ 800،000 ޑޮލަރު ލިބިފަ އެވެ. މީގެ ތެރޭގައި ޓްރަމްޕް ކެމްޕޭނަށް ކޮންސަލްޓެންސީ ދީގެން ލިބުނު ފައިސާ ވެސް ހިމެނެ އެވެ. ވައިޓް ހައުސްގެ ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ އިސް ވެރިޔާ ގެރީ ކޯންގެ މިލްކިއްޔާތުގެ އަގު 230 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ލިޔުންތަކުގައިވެ އެވެ.

އެމެރިކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރައީސް ބަރަކް އޮބާމާގެ ސަރުކާރުގެ އޮފިޝަލުންނަށް ވުރެ ޓްރަމްޕް ސަރުކާރަށް ގެންނެވި ބޭފުޅުން މުއްސަންޖެވެ. ބްލޫމްބާގުން ލަފާކޮށްފައިވާ ގޮތުގައި ޓްރަމްޕުގެ ކެބިނެޓާއި ސީނިއާ ސްޓާފުންގެ މިލްކިއްޔާތު 12 ބިލިއަން ޑޮލަރަށް އަރަ އެވެ.