12 ޑިސެމްބަރ 2025 - 00:15

އެމްޑީޕީގެ މެމްބަރުން މާޔޫސްކޮށްލުމަށް ފަހު މައިދާން ދޫކޮށް ފިއްލަވާނެ ބޭފުޅަކަށް އޭނާ ނުވާނެ ކަމަށާއި ދެމިހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ދެވަނަ ދައުރަކަށް މަގާމް ދިފާއުކުރައްވަން ވާދަކުރައްވާ، މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓަށް ކެމްޕޭން ކުރައްވާ އާޒިމް، ހުޅުމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ މާލޭ ސިޓީކައުންސިލަށް އޭނައާ އެކު ނުކުންނަ މެމްބަރުން އިންތިހާބުކޮށްފި ނަަމަ ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. ޓީމެއްގެ ގޮތުގައި މަސައްކަތްކުރަނީ މާލޭގެ އެންމެ ގޮނޑިއެއް ވެސް އެހެން ޕާޓީއަކަށް ނުދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަަޅުގަނޑުމެން މި މަސައްކަތްކުރަނީ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބުކުރަން. ހުރިހާ ގޮނޑިއެއް، އަޅުގަނޑުގެ ހުރިހާ މަސައްކަތެއް، ހުރިހާ ވަގުތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެމްޑީޕީ މެންބަރުންނަށް [ކައުންސިލް] ހޯދައިދޭން މަަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން ތިޔަ ހުރިހާ މެންބަރުންނަށް،" އާޒިމް ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި އާދަމް އާޒިމާ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އޭނާ އަށް ނުސީދާ ބަހުގެ ހަމަލާތަކެއް މިރޭގެ ޖަލްސާގައި މޭޔަރު އާޒިމް ވަނީ ރައްދުކުރައްވައިފަ އެވެ.
އާޒިމް ވިދާޅުވީ އޭނާއަކީ ޕާޓީގެ މެންބަރުން ބުރަ މަސައްކަތުން މަގާމަކަށް އިންތިހާބުކުރުމުން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީ ދެބައިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި އާ ޕާޓީއަށް އަލީ އާޒިމް ވަޑައިގެން އެމްޑީޕީއާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކަށެވެ.
"މި އާދަމް އާޒިމް އެމްޑީޕީގެ މެންބަރުންގެ ވޯޓުން ހޮވީމާ މިހިރީ ނަގިލި ލާފައި. ދެން އަަޅުގަނޑު ގުޑުވައެއް އިރާދަކުރެއްވިއްޔާ ނުލެވޭނެ. މި ޕާޓީން މަގާމުތައް ދިނީމާ، އަދި ވަކިން ހާއްސަކޮށް ރައްޔިތުންނަށް ހިދުމަތްކުރާނެ މަގާމުތައް ދިނީމާ ފިލައިގެން ރައްކާވާނެ މީހަކަށް މި އާދަމް އާޒިމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮޑިޓެއް ހަދައި ހިޔާނާތުގެ ކަމެއް ކޮށްފައި އޮވެއްޖެ ނަމަ އެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަން ވީ ވައުދު ނުފުއްދަވާ ކަމަށް ވިދާޅުވެ އަލީ އާޒިމްގެ ފާޑުވިދާޅުވުންތަކަށް ވެސް މިރޭ ރައްދު ދެއްވި އެވެ.
އާދަމް އާޒިމް ވިދާޅުވި ގޮތުގައި އެފަދަ ބައެއް މައްސަލަތައް މިހާރު ވެސް ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ހުށަހަޅައިފަ އެވެ.