އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ނިންމައި މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑްކޮށްފި
އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ނިންމައި މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑްކޮށްފި

އައްޑޫ ހައި ސްކޫލުގެ ކްލާސް ރޫމެއްގެ ތެރޭގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިންގި މާރާމާރީއާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑް ކޮށްފި އެވެ.

މި މާރާމާރީ ހިނގީ އެ ސްކޫލުގެ ގްރޭޑް 12ގެ ދަރިވަރަކާއި ބީޓެކް ކިޔަވައިދޭ އިންޑިއާގެ ޓީޗަރަކާ ދެމެދުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެ ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހަޅައިފަ އެވެ.

މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދަރިވަރު ވެސް މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ދަރިވަރު ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުވުމަށް ސްކޫލަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަސްޕެންޑް ކޮށްފައި ވަނީ ބިހޭވިއާ މޮޑިފިކޭޝަން ޕްރޮގްރާމެއް، އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ނިންމައި ދަރިވަރު އަމިއްލައަށް މާފަށް އެދެންދެން. އެ އެ ޕްރޮގްރާމްގައި ކިތަންމެ ގިނަ ދުވަހެއް ވިޔަސް، ދަރިވަރު އަމިއްލައަށް މާފަށް އެދެންދެން އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.

ޓީޗަރަށް އެކަނި ފިޔަވަޅު އެޅުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކި އެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ ފޯނުން ދެއްކި ވީޑިއޯއެއްގެ ސަބަބުންނެވެ.