02 އެޕްރީލް 2017 - 14:00

އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ޒުވާނުންގެ ބޯޑު މެމްބަރު ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޮވިވަޑައިގެންފި އެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބެވި 45 އަހަރުން ދަށުގެ މެމްބަރުންނަށް ވާދަކުރެވޭ ބޯޑަށް ރިފާއު ހޮވިވަޑައިގެންނެވީ ވޯޓުގައި ބައިވެރިވި 18 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓާ އެކުގަ އެވެ. ބަންގްލަދޭޝްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރިފާއު މި ބޯޑަށް އިންތިހާބުވެވަޑައިގެންނެވީ ދެ އަހަރުގެ މުއްދަތަކަށެވެ.
ރިފާއުއާ ވާދަކުރެއްވީ އިރާނާއި މޮންގޯލިއާގެ ކެންޑިޑޭޓުންނެވެ. މިއީ ރާއްޖޭގެ މަޖިލިހުގެ މެމްބަރަކު އައިޕީޔޫގެ ބޯޑު މެމްބަރަކަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އަށް މެމްބަރުން ތިއްބަވާ އައިޕީޔޫގެ ޒުވާން ބޯޑަށް ރިފާއުގެ އިތުރުން މިފަހަރު އިންޑޮނޭޝިއާގެ މެމްބަރަކު ވެސް އިންތިހާބުވެވަޑައިގެންނެވި އެވެ.
މީގެ ކުރިން، 2014 ގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެ ބޯޑު މެމްބަރު ކަމަށް ވާދަކުރެއްވި އެވެ. ނަމަވެސް ހޮވިވަޑައެއް ނުގެންނެވި އެވެ.