15 ޖޫން 2016 - 13:55

ޓޯކިޔޯ (ޖޫން 15) - ސަރުކާރުގެ ފައިސާ އިން ޗުއްޓީ ހޭދަކޮށް ދަރިންނަށް ހަދިޔާ ގަނެދިންކަމުގެ ތުހުމަތުތަކާ އެކު ޓޯކިޔޯގެ ގަވަރުނަރު އިސްތިއުފާ ދެއްވައިފި އެވެ.
ސަރުކާރުގެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުން ކުރުމުން ޔޮއިޝީ މަސުޒޯ އަށް ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ. މި މައްސަލައާ ގުޅޭ ގޮތުން ޕާލަމެންޓުގައި މިއަދުގެ ވަގުތުގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓުން އޭނާ އަށް ނާކާމިޔާބުވާނެ ކަމަށް ވެސް ބެލެވެ އެވެ.
ގަވަރުނަރުގެ ޚިޔާނާތުގެ މައްސަލަ ފަޅާއެރި އިރު އަޕަ ހައުސްގެ އިންތިޚާބު ބާއްވަން ވަނީ ތައްޔާރުވެފަ އެވެ. ޖުލައި 10 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް ކާމިޔާބުވުމުގެ ފުރުސަތު ކުޑަ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
މަސުޒޯގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސަރުކާރުގެ ރަސްމީ ކާރުގައި ހަފުތާ ބަންދުގެ ޗުއްޓީ އަށް ޓޯކިޔޯގެ ދެކުނަށް ވަޑައިގަތުމާއި ރަސްމީ ދަތުރުތަކުގެ ޚަރަދުތައް ބޮޑުވުމެވެ. އޭގެ ތެރޭގައި ޕެރިހާއި ލަންޑަނުގެ މަތީ ފެންވަރުގެ ހޮޓާތަކުގައި ހުންނެވުމާއި ސްޕާ ބޭނުން ކުރެއްވުމާ އަގު ބޮޑެތި ގަމީސް ފަދަ ތަކެތި ބޭނުން ކުރެއްވުން ހިމެނެ އެވެ.
މަސުޒޯ ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ހަފުތާ ބަންދުގައި އޭނާ ޗުއްޓީ ހޭދަ ކުރެއްވުމަށް ހަދާފައިވާ ގެއަށް ވަޑައިގަންނަވަނީ ކުރިއަށް އޮތް ހަފުތާގެ މަސައްކަތަށް ތާޒާވުމަށް ޓަކައި ކަމަށެވެ. އޭނާ ގޯހުން ކަމެއް ކުރައްވާފައިވަން ސާބިތުވާ ނަމަ އެ ފައިސާ އަނބުރާ ސަރުކާރަށް ހަވާލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަސުޒޯގެ ކުރިން ޓޯކިޔޯގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ނައޯކީ އިނޯސޭ ވެސް އިސްތިއުފާ ދެއްވީ 2013 ވަނަ އަހަރު ފެންމަތިވި ފައިސާގެ މައްސަލަތަކެއްގަ އެވެ.