ޑަބްލިއުޓީޓީ ޔޫތު މުބާރާތުން ދީމާ މެޑަލް ކަށަވަރުކޮށްފި
ޑަބްލިއުޓީޓީ ޔޫތު މުބާރާތުން ދީމާ މެޑަލް ކަށަވަރުކޮށްފި

ސައުދީ އަރަބިއާގެ ދައްމާމްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޓޭބަލް ޓެނިސް ފެޑްރޭޝަން (ޑަބްލިއުޓީޓީ) ގެ ޔޫތު ކޮންޓެޑާ މުބާރާތުގެ ރާއްޖޭގެ ފާތިމަތު ދީމާ އަލީ މެޑަލް ކަށަވަރުކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ދީމާ ވަދަކުރަނީ 19 އަހަރުންދަށުގެ އުމުރުފުރާގެ ކެޓަގަރީގަ އެވެ.

ސެމީ ފައިނަލަށް ދީމާ ދަތުރު ކުރީ ކުއާޓާ ފައިނަލުގައި ޖޯޖިއާގެ އަނާސްޓާޝިއާ ޗަކާޓީޝްވީލީގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ސެޓް 11-6 ން ކާމިޔާބު ހޯދައި ދީމާ ކުރި އެވެ. އެކަމަކު ދެން ޖެހިގެން އައި ސެޓް ވީލީ 11-8 ން ގެންދިޔަ އެވެ. ނަމަވެސް އަނެއް ދެ ސެޓް ދީމާ 11-7، 11-9 ގެންގޮސް ސެމީގެ ޖާގަ ކަށަވަރު ކުރި އެވެ.

ސެމީ ފައިނަލުގައި ދީމާ ވާދަކުރާނީ ޗައިނާ ދަރިކޮޅުގެ އޮސްޓްރޭލިއާގެ ކުޅުންތެރިޔެއް ކަމަށްވާ ލީ ޗަކް ޓޮންއާ ދެކޮޅަށެވެ.

މިއީ ޑަބްލިއުޓީޓީގެ ކޮންޓެންޑާ މުބާރާތަކުން ދީމާ މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ކުއާޓާ ފައިނަލާ ހަމައަށް ދީމާ ދަތުރު ކުރީ ދެވަނަ ބުރުގައި ޖޯޖއާގެ އެހެން ކުޅުންތެރިޔެއްކަމަށްވާ ޓެކްލާ ލިޕާޓެލިއާނީގެ މައްޗަށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެޓްތައް ދިޔައި 11-3، 11-6 އަދި 11-3 ންނެވެ.

މުބާރާތުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ދެ މެޗު ވެސް ދީމާ ކާމިޔާބު ކުރި އެވެ. ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމުގެ ސައުދީގެ ބަތޫލް އަލްއަބްދު އާ ދެކޮޅަށް ސީދާ ތިން ސެޓުން ދީމާ މެޗު ކާމިޔާބު ކުރި އެވެ. އެއީ 11-3، 11-4، އަދި 11-2 ންނެވެ. ދެވަނަ މެޗުގައި ދީމާއާ ދެކޮޅަށް ނުކުތީ އިރާނުގެ މަލިކާ އައްބާސީ އެވެ. އެ މެޗު ދީމާ ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓް 11-7 ން މަލިކާ ކާމިޔާބު ކުރި ނަމަވެސް އަނެއް ތިން ސެޓް، 11-4، 11-7 އަދި 11-3 ން ކާމިޔާބު ކުރި އެވެ.

އެ ދެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް އޭނާ ދަތުރު ކުރީ ގުރޫޕް ތިނެއްގެ އެއްވަނަ ހޯދައިގެންނެވެ.