ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓް އަތުލައިގެންފި، ތިން މިލިއަނެއްހާ ރުފިޔާގެ ތަކެތި
ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓް އަތުލައިގެންފި، ތިން މިލިއަނެއްހާ ރުފިޔާގެ ތަކެތި

ރާއްޖެއަށް ވޭޕް ގެނައުން މަނާކުރި ފަހުން، އެ ތަކެތީގެ އެންމެ ބޮޑު ޝިޕްމަންޓު އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ކަނޑުމަގުން ގެނައި ޝިޕްމަންޓެއްގައި ގާނޫނާ ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހު ޝިޕްމަންޓެއް ފާސްކުރި ކަމަށެވެ.

އޭގެ ތެރެއިން 10،800 ވޭޕް ކާޓްރިޖް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

އެ ތަކެތީގެ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން މަނާކޮށްފައިވަނީ ނޮވެމްބަރު 15، 2024 ގަ އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި، މިއީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ކަސްޓަމްސް އިން ހިފެހެއްޓި ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓެވެ. އަދި އެކި އޮޕަރޭޝަންތަކުން މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ފޮނުވި ސުވާލުތަކަށް އެ އިދާރާއިން މިދިޔަ އޮގަސްޓް މަހު ދިން ޖަވާބުގައި ބުނީ ވޭޕް އެތެރެކުރުން މަނާކުރި ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 15 އާ ހަމައަށް 69 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކުރި ޖޫރިމަނާގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް އެ އިދާރާއިން ބުންޏެވެ.