10 ޑިސެމްބަރ 2025 - 15:51

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަކީބް (ޝަކިއްބެ) މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަކީބް ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.
އެއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ހަތަރު ވަނަ އެމްޑީ އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް އައްޔަންކުރީ ކުރިން އެ މަގާމު ފުރުއްވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ޕޮޑްކާސްޓް އެންމެ ފަހުން ހުށަހަޅުއްވަމުން ގެންދެވި ޝަކީބް ވަނީ ޓީވީއެމްގެ ތިޔަބޭފުޅުންގެ ފުރުސަތު، އެހާރާއި މިހާރު، އެހަނދާނުގައި، ހޭޔަންބޯގެ އިތުރުން ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ފަދަ ބޮޑެތި ޓީވީ ޝޯތައް ހުށަހަޅުއްވައި ދެއްވައިފަ އެވެ.
ޝަކީބް އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވީ ޑިޕާޓްމަންޓު އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގަ އެވެ. އެ ތަނުގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އެއާ އެކު، މިދިޔަ އަހަރުގެ ޖުލައި މަހު ތައުލީމީ ދާއިރާ އިން އޭނާ ރިޓަޔާ ކުރެއްވީ އެވެ.