މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް "މަހަ މަންފާ" ފައިނޭންސިން ސްކީމް
މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް "މަހަ މަންފާ" ފައިނޭންސިން ސްކީމް

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް އިތުރުކޮށް ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން، ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތަށް "މަހަ މަންފާ"ގެ ނަމުގައި އާ ފައިނޭންސިން ސްކީމެއް ތައާރަފްކޮށްފި އެވެ.

މި ސްކީމުގެ ބޭނުމަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ. އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ސްކީމްގެ ދަށުން މަސް ކައްކައި ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަން އަށް ބޭނުންވާ ވަސީލަތްތަކާއި، މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތައް ބަންދުކުރުމާއި މަސް ހަލާކުވެދިޔަ ނުދީ ރައްކާކުރެވޭނެ ނިޒާމްތައް ގާއިމްކުރުން ފަދަ ކަންކަމަށް މި ސްކީމުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.

މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް އަދި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000ރ. އާއި 400,000ރ. އާ ދެމެދުގެ އަދަދަކަށް ފައިނޭންސިން ލިބޭނެ އެވެ. އަދި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދެ އެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ގިނަވެގެން ހަތް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މި ފައިނެނޭންސިން އަކީ ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް ހަ ޕަސެންޓު ރޭޓުން ދޫކުރާ ފައިނޭންސެކެވެ.

މި ފައިނޭންސިން ފެސިލިޓީއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް މަހުގެ ބާވަތްތަކުން ތައްޔާރުކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މިއީ ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކޮށް، ތަކެތީގެ ފެންވަރު މަތިކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއް. މި ސިނާއަތް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ބަދުރުއްދީން ވިދާޅުވީ މި ސްކީމުން ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އަލަށް ތައާރަފްކުރި މި ސްކީމުގެ އިތުރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއިން ކުދި ވިޔަފާރިތައް އިތުރުކުރުމަށް ގިނަ ފަރާތްތަކަކަށް މާލީ އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފަ އެވެ.

މި ސްކީމުން ފައިނޭންސިން އަށް އެދި ހުށަހެޅޭނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ޕޯޓަލްއިންނެވެ.