10 ޑިސެމްބަރ 2025 - 10:52

ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލައިފި އެވެ.
އެ ދެ ރަށުގެ މައްސަލާގައި ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާ ދައުވާކޮށްފައިވަނީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ދެކޭތީ އާއި އަދި އެއީ އެ ގާނޫނުގެ މަގްސަދު ހާސިލް ނުވާ ފަދަ ނިންމުމެއް ކަމަށް ބުނެ އެވެ.
ނަމަވެސް، އެ މައްސަލާގައި ކޯޓުން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރެއް ނުވެ އެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ވެސް ކައުންސިލުން އަޑުއެހުމުގައި ބައިވެރިވެފައި ނުވާއިރު، ހުކުމް އިއްވުމުގެ އަޑުއެހުމެއް ތާވަލުކޮށް ޗިޓް ފޮނުވުމުން ވެސް އެ އަޑުއެހުމުގައި ކައުންސިލުން ބައިވެރިވެފައެއް ނުވެ އެވެ.
އެ އަޑުއެހުމަށް ކުޑަ ވަގުތުކޮޅަށްވެފައި އޮއްވާ ކައުންސިލް ތަމްސީލުކުރާ ވަކީލު މައްސަލައިން ތަނާޒަލްވާ ކަން ކޯޓަށް އަންގާފައިވެ އެވެ. އެއީ އޭނާ އާއި ކައުންސިލާ ދެމެދު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، ދެން އެ މައްސަލަ ތަމްސީލު ކުރަން ޖެހޭނީ އަލަށް ކައުންސިލުން އައްޔަންކުރަ ވަކީލުން ކަމަށް ދެކޭތީ ކަމަށް ބުނެ އެވެ.
ނަމަވެސް، ކޯޓުން ބުނީ އެހާ ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށް ތަނާޒަލްވާން އަންގާފައިވަނީ ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އަދި ވަކީލުގެ ބަދަލުގައި ކައުންސިލް ތަމްސީލް ކުރާނެ އެހެން މީހަކު ވެސް އަޑުއެހުމުގައި ބައިވެރިނުވާ ކަމަށެވެ. އެހެންވެ، ކޯޓުން ނިންމީ މައްސަލަ ބާތިލް ކުރުމަށެވެ.
ކެނދިވަރު އަކީ ޑިސެމްބަރު، 2022 ގައި ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެކެވެ. އަދި އަނެއް ރަށް ކަމަށްވާ ދޮނަހިރިކަނޑޫދު އަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް ސަރުކާރާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ޑިސެމްބަރު، 2017 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭން ނިންމާފައިވާ ރަށެކެވެ.
އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް ކައުންސިލުން އެދުނެވެ. ނަމަވެސް، ކޯޓުން ނިންމީ އެ އަމުރު ނެރެނުދިނުމަށެވެ.
ޝަރީއަތުގައި ދައުލަތުން ބުނެފައިވަނީ ރައީސްގެ ގަރާރަށް ގޮންޖަހައި ގަރާރެއް ނެރުމުގެ އިތުރަށް، ސުލްހަވެރި ހައްލެއް އެ މައްސަލާގައި ހޯދުމަށް ކައުންސިލުން މަަސައްކަތްކޮށްފައިވާކަން އެނގޭނެ ލިޔުމެއް ކައުންސިލުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތަށް، ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވެގެން މަޝްވަރާކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ގެއްލިފައި އޮތް މައްސަލައެއް ވެސް ނޫން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.