02 އެޕްރީލް 2017 - 12:38

ލަންޑަން (އެޕްރީލް 2) - އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލިސް ކައިރީގަ އާއި ވެސްޓްމިންސްޓާ ބްރިޖުގައި މިދިޔަ މަހު ދިން ހަމަލާތަކާ ގުޅިގެން ހައްޔަރުކުރި 12 މީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ލަންޑަން މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ "ޓެރަރިސްޓް ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމުގެ ތުހުމަތުގައި" ބާމިންހަމް އިން ހައްޔަރުކުރި 30 އަހަރުގެ މީހާ ވެސް އިއްޔެ ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ އިތުރުން ލަންޑަނުގައި ދިން ހަމަލާގެ ތަހުގީގަށް ހައްޔަރު ކުރި 11 މީހުން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
މާޗް 22 ވަނަ ދުވަހު ހަމަލާ ދިން ޚާލިދު މަސްއޫދު، 52، ވަނީ ފުލުހުން ބަޑިޖަހާ މަރާލައިފަ އެވެ. މި ހަމަލާގައި ހަތަރު މީހުން މަރުވެ އެެތައް ބަޔަކު ޒަޚަމްވި އެވެ. އިނގިރޭސި ވިލާތުގެ ފުލުހުން ބުނެފައި ވަނީ މަސްއޫދަކީ އަލްގައިދާ ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުމެއް އޮތް މީހެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ވެސްޓްމިންސްޓާގެ ބޭރުގައި ހަމަލާ ދީފައި ވަނީ ޕާލަމެންޓުގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށެވެ. މި ހަމަލާއާ ގުޅިގެން މެންބަރުން ބޭރަށް ނުނިކުމެވެ އެތައް އިރަކު ތިބެން ޖެހުނެވެ.